ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުންޏަށް 44 މިލިއަން ރުފިޔާގެ މަޝްރޫއެއް ދިން މައްސަލަ ބަލަނީ

ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުންޏަށް 44 މިލިއަން ރުފިޔާގެ މަޝްރޫއެއް ދިން މައްސަލަ ބަލަނީ

ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ކުންފުންޏަށް 44 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކުރީގެ ސަރުކާރުން ދިން ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައި ޖަވާބުދާރީވާން އެ ކުންފުންޏަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިފިއެވެ.

މި މައްސަލައަކީ، އާސަންދައިން ހަ ފަންގިފިލާގެ ހޮސްޕިޓަލް އިމާރާތެއް އެޅުމަށް 29 ޑިސެމްބަރު 2016 ވަނަ އަހަރު އެކުންފުންޏާ ހަވާލު ކުރި ޕްރޮޖެކްޓަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ.

ފަނަރަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލުކުރި އެ ޕްރޮޖެކްޓްގެ އަގަކީ 61 މިލިއަން ރުފިޔާއެވެ. ނަމަވެސް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ނުގޮސް އޮއްވައި ކުރިމަތިވި ބަޖެޓް މައްސަލަތަކަކާގުޅިގެން ޖޫން، 2017 ގައި އާސަންދަ އިން އެ ޕްރޮޖެކްޓް މަޑުޖައްސާލަން އެންގިއެވެ.

އެއަށްފަހު އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދަން އާސަންދައިން އެންގުމުން، އެ ޕްރޮޖެކްޓުން ނޯތު ކޯސްޓަށް 18.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވާތީ އެއީ ކުންފުންޏަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ކުންފުނިން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ވެރިކަމުގައި ރައީސް އޮފީހާއި އާސަންދަ ކުންފުންޏާއި އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރުމަށްފަހު، 23 ޖެނުއަރީ 2023 ގައި ސެޓްލްމަންޓް އެގްރިމެންޓެއްގައި ސޮއި ކުރިއެވެ. އެ އެގްރީމެންޓްގައި ވާގޮތުން އެ ޕްރޮޖެކްޓަށް ވަގުތު ހުސް ކުރަން ނޯތު ކޯސްޓްގެ ބައެއް ވަސީލަތްތައް ބޭނުން ކުރުމުގެ ސަބަބުން މާލީ ގޮތުން ގެއްލުންތަކާއި ކުރިމަތި ވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.

ސެޓްލްމަންޓް އެގްރިމެންޓްގެ ދަށުން އެ ޕްރޮޖެކްޓްގެ ބަދަލުގައި އެހެން ޕްރޮޖެކްޓެއް ހަވާލުކ ުރަން ނިންމިއެވެ. އެގޮތުން އެޗްޑީސީން ހުޅުމާލޭގައި ހަދާ 10 ފަންގިފިލާގެ އިމާރާތެއް އަޅަން އެ ކުންފުންޏާ ހަވާލު ކުރިއެވެ.

އަދި ޕްރޮޖެކްޓްގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން 44 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައި ވާކަން މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ މައުލޫމާތު ތަކުން ދައްކައެވެ.

މި މައްސަލަ ބަލަން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވަމުން އެ ކޮމިޓީގަިއ އިންނަވާ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، އާސަންދަ ކުންފުނީގެ ޕްރޮޖެކްޓް ހުއްޓާލުމުންއެ ކުންފުންޏަށް 18 މިލިއަން ރުފިޔާގެ ގެއްލުންވާނެ ކަަމަށް ބެލެވޭއިރު، އެއާ ނުބައްދަލު ބޮޑު ޕްރޮޖެކްޓެއް ހަވާލުކޮށް 44 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.  އެކަމުގެ ސަބަބުން ދައުލަތަށް 44 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށާއި، އެކަމާބެހޭ ސައްހަ މައުލޫމާތު ހޯދަން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެ ޕްރޮޖެކްޓް ތަކާބެހޭ މައުލޫމާތު ކުންފުނިން ސާފު ކުރެއްވުމަށް ބާރަށު ދާއިރާގެ މެންބަރު ސުޖާ ހުށަހަޅުއްވައިގެން ފާސް ކުރިއެވެ. އަދި އެ މައްސަލައަކީ އެންޓިކޮރަޕްޝަން ކޮމިޝަން (ސޭސީސީ)ން ބަލަމުންގެންދާ މަައްސަލައަަކަށް ވާތީ އެކަމާބެހޭ އެންމެ ފަހުގެ އަޕްޑޭޓް އޭސީސީން ހޯދުމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހަޅުއްވައިގެން ފާސް ކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *