ފުލެޓު ލިސްޓުގެ އިވެލުއޭޝަންގައި ސިޓީ ކައުންސިލުގެ ދައުރު އޮންނާނެ: ރައީސް

ފުލެޓު ލިސްޓުގެ އިވެލުއޭޝަންގައި ސިޓީ ކައުންސިލުގެ ދައުރު އޮންނާނެ: ރައީސް

މާލެ ސަަރަހައްދުން ދޫކުރާ ފްލެޓު ލިސްޓު އިވެލުއޭޓް ކުރުމުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލްގެ ދައުރެއް އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިއަދު މާލެ ސިޓީ ކައުންސިލަށް ވަޑައިގެން އެ ކައުންސިލްގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ، ފްލެޓްތަކާއި ގޯތިތަކުގެ މައްސަލައިގައި ރައްޔިތުން ވަރަށް ގިނައިން ސިޓީ ކައުންސިލަށް އަންނަ ކަމަށް ވިދާޅުވެފައެވެ.

"4،000 ފުލެޓް ކަންތަކުގައި އަޅުގަނޑު އެދެން އެއްވެސް މައްސަލައެއް ނޫޅޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ފްލެޓްތައް ހަވާލުކޮށްދެއްވަން. ދެން މައްސަލައެއް އުޅޭ ފަރާތްތަކުގެ އިވެލުއޭޝަން ވަކިވަކިން ބެލުމަށްފަހު ގޮތެއް ނިންމެވުން އަޅުގަނޑުމެން އެދެން" އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ އެ ވާހަކަތަކާއި ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ މައްސަލަތައް ހައްލުވާނީ މާލޭގެ ރައްޔިތުން ހޮވާފައިވާ ކައުންސިލުގެ ދައުރު އޮވެގެން ކަމަށާއި އެއީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދިން ފުލެޓް ލިސްޓު އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް އެންމެ ދެފުށް ފެންނަ ގޮތެއްގެ މަތީން ކުރިއަށް ގެންދިއުމުގެ ގޮތުން ކައުންސިލުގެ ދައުރު އޮންނަ ގޮތަށް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެކަން ކައުންސިލާ ހިއްސާކޮށް ކޮމެޓީއެއް އެކުލަވާލައިގެން ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވާފައިވާނެ ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަ. އެހެންވީމަ އެއީ އަދި އެންމެ މަޝްރޫއެއް އަދި ކުރިއަށް މާގިނަ މަޝްރޫއުތައް ހުންނާނެ. ހުޅުމާލެ، މާލެ، ގުޅިފަޅު، ވިލިމާލެ ދެން ހަމަ މި ސަރަހައްދުގެ ހުރިހާ ދިމާލެއްގައި ފްލެޓް އެޅުމުގެ މަޝްރޫއުތައް، ރަސްމާލެ ހިކިގެންދާއިރު ރަސްމާލޭގައި މުޅި މި ސަރަހައްދުގައި ފްލެޓް އެޅުމާއި ގޯތި ދިނުމާއި އިރާދަކުރެއްވިއްޔާ އެއީ އެންމެ އިސްކަން ދޭނެ މަޝްރޫއު. މިކަންކަމުގައި ކައުންސިލްގެ ދައުރު އޮވެގެން ކުރިއަށް ދާނެކަމުގެ ޔަގީންކަން އަޅުގަނޑު ދެން." ރައީސް ވިދާޅުވިއެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޭ ފްލެޓްތަކުގެ 32 ޓަވަރުގެ ތެރެއިން ފުރަތަމަ 6 ޓަވަރުގެ މަސައްކަތް އަންނަ އޮކްޓޯބަރަށް ނިމޭނެއެވެ.

ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމު ކުރުމުން އެ ލިސްޓާމެދު އާންމުންގެ ކަންބޮޑުވުންތައް ހުރުމުން އޭސީސީން ވަނީ އެ މައްސަލަ ބަލައިފައެވެ އެ ފްލެޓްތައް އަލުން ހަވާލުކުރުމުގެ މަސައްކަތް ފެށީ އޭސީސީން އެ މައްސަލަ ތަހުގީގުކުރުމަށް ފަހުއެވެ. އެއިރު، އޭސީސީން ބުނި ގޮތުގައި ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *