ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކަށް މަޖިލިސް ތެރެއިން ގޮނޑި ހާއްސަކުރާގޮތަށް މަޖިލިސް އެތުރިފައިވާ ގޮތް ބަދަލުކުރަން ދަ ޑިމޮކްރެޓްސްއިން ހުށަހަޅައިފި އެވެ.
ޑިމޮކްރެޓްސްއިން މިގޮތަށް ހުށަހެޅީ، މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ކުރުން ނުވަތަ ވަކި އަދަދެއްގައި ހިފޭއްޓުމާ ބެހޭގޮތުން މަޖިލީހުގެ މެންބަރުން ދެކޭގޮތް ހާމަކޮށް، އެކަމާބެހޭގޮތުން ގާނޫނުއަސާސީ އައި ގާނޫނުތަކަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމުގެ ހިޔާލު ހޯދުމަށްޓަކައި މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މަޖިލީހަށް ހުށަހެޅި ގަރާރާ ބެހޭގޮތުން ބައެއް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް މިއަދު ބޭއްވި،މަޖިލިހުގެ މިިނިވަންމުއައްސަސސާތަކާބެހޭ ކޮމިޓީގެ ބައްދަވުމުގަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ ނާއިބު ރައީސް އާޝިއަތު އަލައިކާ އަދުނާން ވިދާޅުވީ، މަޖިލިސް މެންބަރުންގެ އަދަދު މަދު ކުރަން އޭނާގެ ޕާޓީން ތާއީދުކުރާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ޕާޓީގެ ސިޔާސަތު ހާމަކުރައްވަމުން އަލައިކާ ވިދާޅުވީ، މަޖިލިސް އިންތިހާބު ތެރޭގައި މަޖިލީހަށް މެންބަރުން ހޮވާއިރު ޕާޓީތަކަށް ސްލޮޓް ދިނުމަކީ މުހިންމު ކަމެއް ކަމަށާއި، މައިނޯރިޓީއަށް ފުރުސަތު ދިނުމަށްޓަކައި އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
"އޭރުން ވޯޓިން ކަރުދާހުގަ ޕާޓީއަށް ވޯޓުލެވޭ ގޮތަށް ހަދާފަ، އަދި މެންބަރަކަށްވޯޓުލެވޭ ގޮތް ހެދޭނެ، އެހެންވީމަ އެންޑް އޮފް ދަ ޑޭގަ ވޯޓިން ގުނާއިރު އިނގޭނެ ކޮންމެ ޕާޓީއަކަށްވެސް ލިބިފައިވާ ރެޕްރެޒެންޓޭޝަން. އޭރުން ޕާޓީތަކަށް އެބަލިބޭއެމީހުން ރެޕްރެޒެންޓުކުރާނެ ސްލޮޓެއް،" އަލައިކާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސްލޮޓުތަކަށް ލަނީ ޕާޓީ ތަމްސީލުކުރާނެ މީހުން ކަމަށް ވާތީ، އެކަމުގެ ސަބަބުން ފްލޯ ކްރޮސްކުރުން، (މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުން) މައްސަލައަށް ވެސް ހައްލު ލިބޭނެ ކަމަށެވެ. އެއީ މެންބަރު ބަދަލުވިޔައް ޕާޓީގެ ސްލޮޓް ނުގެއްލޭނެތީ ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތަށް ހެދުމުން ޕާޓީތަކަށް ހާއްސަކުރާ ގޮނޑިތަކަށް އައްޔަންކުރާނެ ބަޔަކު ކަނޑައަޅާނީ ސީދާ ޕާޓީން ކަމަށްވެ ސް އޭނާ ވިދާޅުވި އެވެ.