އިންޑިއާގެ ޕްރައިވެޓް އެއާލައިން ތަކުގެ ދަތުރުތައް ރާއްޖެއަށް އިތުރު ކުރަން މަޝްވަރާ އެބަކުރަން: ފައިސަލް

އިންޑިއާގެ ޕްރައިވެޓް އެއާލައިން ތަކުގެ ދަތުރުތައް ރާއްޖެއަށް އިތުރު ކުރަން މަޝްވަރާ އެބަކުރަން: ފައިސަލް

އިންޑިއާގެ ޕްރައިވެޓް އެއާލައިން ތަކުގެ ސީދާ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމާއި ރާއްޖޭގެ އެހެން ސަރަހައްދު ތަކަށް ފުޅާ ކުރުމަށްވެސް މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅު ވެއްޖެއެވެ.

ދިއްލީގައި މިވަގުތު ހުންނެވި މިނިސްޓަރ ފައިސަލް ވިދާޅުވީ އައްޑޫ ސިޓީއަށް ސީދާ ދަތުރުތައް ފެށުމަކީ މީގެތެރެއިން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާ މަސައްކަތެއް ކަމަށެވެ.

އިންޑިޔާގެ ޓޫރިޒަމް މިނިސްޓަރު، އަދި ސިވިލް އޭވިއޭޝަން މިނިސްޓަރާއެކު ކުރިޔަށް ގެންދެވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި އެކަމުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުން ދާނެކަމުގެ އުއްމީދު ބޮޑު ކަމަށްވެސްް ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރު ފައިސަލް، އިންޑިޔާގެ ޓޫރިޒަމް މިނިސްޓަރު، ޝްރީ ގަޖެންޑްރަ ސިންގް ޝެކާވަތު އާ ބައްދަލު ކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު، ޝްރީ ކިންޖަރާޕޫ ރާމްމޯހަން ނައިޑޫ އާ ބައްދަ ލުކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

ފައިސަލް އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި މަޓާޓޯ ގުޅިގެން، އިންޑިޔާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމުގެ ހާއްސަ ރޯޑްޝޯ ތަކެއް ކުރިޔަށް ގެންދިއުމަށް ކުރައްވާ ދަތުރެކެވެ. މި ރޯޑް ޝޯތައް ކުރިޔަށް ގެންދަން ނިންމާފައި ވަނީ އިންޑިޔާގެ ވެރިރަށް ދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރުގައެވެ.

ފައިސަލް ވިދާޅުވީ އިންޑިޔާގެ ޓޫރިޒަމް މިނިސްޓަރު އަދި ސިވިލް އޭވިއޭޝަން މިނިސްޓަރާއެކު، ބޭއްވި ބައްދަލުވުންވެސް ވަރަށް އުއްމީދީ ކަމަށާއި ރާއްޖޭގެ ޓޫރިޒަމާއި ދަތުރުފަތުރުގެ ދާއިރާއިން ކުރެވެން ހުރި ކަންކަން ގުޅިގެން ކުރިޔަށް ގެންދިއުމަށް އެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *