ރައްޔިތުންނާ ހަތަރު ކަޅި ހަމަކޮށްލަން ނުކެރޭވަރު ކަމެއް ރައީސް ނުކުރައްވާނެ: ނާޒިމް

ރައްޔިތުންނާ ހަތަރު ކަޅި ހަމަކޮށްލަން ނުކެރޭވަރު ކަމެއް ރައީސް ނުކުރައްވާނެ: ނާޒިމް

ރައްޔިތުންނާ ހަތަރު ކަޅި ހަމަކޮށްނުލެވޭ ވަރު ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްކެވި ވާހަކަފުޅުން ދޭހަވަނީ ގައުމު އިސްލާހު ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ރައީސް ކުރައްވާނެ ކަމުގެ ޔަގީންކަން ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް ރައީސް އަޅުއްވަމުން ގެންދާނެ ކަމަށެވެ.

"ރައީސް ޑރ. މުއިއްޒުވެސް ރައްޔިތަކާ ހަތަރު ކަޅި ހަމަކޮށް ނުލެވޭވަރުގެ ކަމެއް ނުކުރައްވާނޭ. ހުރިހާ ކަމެއްވެސް ކުރައްވާނީ އަދިވެސް ރައްޔިތުން ކައިރިއަށް ދާން ޖެހޭނެކަން އެނގިގެން އަދި މިއަށްވުރެ މާއުފާވެރި ހާލަތެއްގައި އޮންނާނެ ކަން ދެނެގެން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ކަންބޮޑުވާން ޖެހޭ ދަރަޖަ އަކަށް ގޮސްފައި ކަމަށެވެ. މިދިޔަ ސަރުކާރު ނިމުނުއިރު އާސަންދައިން އެކަނި ވެސް 1.1 ބިލިއަންގެ ބިލު ނުދައްކާ އޮތް ކަމަށާއި، މި ސަރުކާރުން މިހާތަނަށް 1.3 ބިލިއަން ރުފިޔާ އާސަންދައަށް އެކަނި ޚަރަދު ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ގެންދަވަނީ އެއިން އެއްވެސް ވެރިޔަކަށް ހައްލު ކުރަން ނުކެރުނު އެތައް ކަމެއް ހައްލު ކުރައްވަން މަސައްކަތް ކުރައްވަމުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ބިދޭސީންގެ މަސައްކަތް ހައްލު ކުރުމަށް ފައްޓަވާފައިވާ މަސައްކަތް އަޅުގަނޑު ފާހަގަ ކުރަން. މިހާރު އަޅުގަނޑުމެންނަށް މަގުމަތިންވެސް އެބަފެނޭ އެ މައްސަލަ ހައްލުވެގެން ދާތަންވެސް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ކުރީގެ ސަރުކާރު ތަކުން އަމަލު ކުރި ގޮތްތައް ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ.

"އެއް ވެރިކަމެއްގައި ސުޕްރީމް ކޯޓުގައި ތަޅު އަޅުވައިފި. އެވެސް ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި. ފަނޑިޔާރަކު ހައްޔަރު ކޮށްފި. އަނެއް ވެރިކަމެއްގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިފި،" ރައީސް ނަޝީދުގެ ވެރިކަމާއި ރައީސް ޔާމީންގެ ވެރިކަމަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވިއެވެ.

އެހެން ކަމުން ރައްޔިތުން ސަރުކާރާއެކު ތިއްބެވުމަށާއި ރައްޔިތަކަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ރައީސް ނުކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *