އީރާނުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވައި ކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ރަސްމީ ދަތުރުފުޅެއްގައި މިއަދު އީރާނަށް ވަޑައިގެންފިއެވެ.
ނައިބު ރައީސް އީރާނުގެ އިމާމް ޚުމައިނީ އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ޑެޕިއުޓީ ސްޕީކަރު އަލާއުއްދިން ބުރޫޖަރްދީއެވެ.
އީރާނުގެ އައު ރައީސް މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ 2024 ޖުލައި 30 ވަނަ ދުވަހުގައެވެ.
ދިވެހިރާއްޖެއިން އީރާނާއެކު ސިޔާސީ ގޮތުން އަލުން ގުޅުން ގާއިމު ކުރީ 2023 މާރިޗް 30 ގައެވެ.