ގައުމާއި ރައްޔިތުންނަށް ގެއްލުންވާ ކަމެއް ކުރަން ޖެހިއްޖެނަމަ ގަވަރުނަރު ކަމުން އިސްތިއުފާ ދޭނަން: މުނައްވަރު

ގައުމާއި ރައްޔިތުންނަށް ގެއްލުންވާ ކަމެއް ކުރަން ޖެހިއްޖެނަމަ ގަވަރުނަރު ކަމުން އިސްތިއުފާ ދޭނަން: މުނައްވަރު

ސަރުކާރު ބޭނުންހާ ގޮތަކަށް، ގައުމާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް، ޤާނޫނުގެ ބޭރުން ކަންކަން ކުރަން ޖެހިއްޖެނަމަ، ގަވަރުނަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ހިތްވަރު ހުންނާނެ ކަމަށް، އެމްއެމްއޭގެ އާ ގަވަރުނަރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވާފައިވާ އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މުނައްވަރު މިހެން ވިދާޅުވީ، އޭނާގެ ނަން ދިރާސާ ކުރުމަށްޓަކައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މުނައްވަރު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ.

ކޮންމެ ސަރުކާރެއްގައިވެސް ގަވަރުނަރުގެ މަގާމުގައި ހުންނަ މީހެއްގެ ފަރާތުން ފެންނަނީ އެ ސަރުކާރެއް ބޭނުންވާ ގޮތަކަށް ކަންކަން ކުރާ ތަން ކަމަށާއި، އެފަދަ ގަވަރުނަރަކަށް މުނައްވަރު ވާނެތޯ އާއި ދޭ ލަފާ ތަަކަށް ސަރުކާރުން އަމަލު ނުކުރާ ނަމަ، އިސްތިއުފާ ދިނުމުގެ ހިތްވަރު ހުންނާނެތޯ ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ކުރެއްވި ސުވާލާ ގުޅިގެން މުނައްވަރު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށާއި ގައުމަށް ފައިދާ ހުރި ކަމެއް ކުރާނަމަ އެކަމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުންނަށް އަދި ގައުމަށް ގެއްލުންވާ ކަމެއްގައި އޭގެ މަޝްވަރާވެސް އަދި އެކަމުގައި ނުރުހުންވެސް ފާޅު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިސްތިއުފޭ ދޭން ޖެހިއްޖެ ނަމަ، އިސްތިއުފާ ދެއްވާނެ ހިތްވަރު ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ މީގެކުރިން 10 އަހަރެއްހާ ދުވަހު އެމްއެމްއޭގައި މަސައްކަތް ކުރައްވާފައި ވާނެކަމަށެވެ. އެއަށްފަހު އެމްއެމްއޭ ދޫކޮށް އެތަނުން ނިކުންނެވީވެސް އޭނާ ގެންނަން ބޭނުންވާ ބަދަލުތައް ނުގެނެވޭނެ ކަމަށް ގަބޫލު ކުރެއްވިގެން ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން އޭނާގެ ޓްރެކް ރިކޯޑްވެސް އޮތީ އެގޮތަށް ކަމަށް ވިދާޅުވިއެވެ. އޭނާވަނީ އޭނާ ގަބޫލު ކުރާ އުސޫލުތައް ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން މެންބަރުންނަށް ދެއްވައިފައެވެ.

"މިސާލަކަށް އަޅުގަނޑު ވަރަށް ގަބޫލު ނުކުރާ އެއް އުސޫލެއް އެމްއެމްއޭއިން ކޮންމެ ހާލަތެއްގައި ސަރުކާރުން ބުނާހާ އިރަކަށް ފައިސާ ޖަހަން ޖެހޭނެ ކަމަށް،" ސަރުކާރުން އެދުނަސް އެކަން ކުރާނީ ޤާނޫނީ އިމުގެ ތެރެއިން،" މުނައްވަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *