ރާއްޖެ އެތެރެ ކުރަން އުޅުނު 12 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިފި

ރާއްޖެ އެތެރެ ކުރަން އުޅުނު 12 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިފި

ރާއްޖެ އެތެރެކުރަން އުޅުނު 12.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކަސްޓްމަސްގެ ހެޑް އޮފް އިންޓެލިޖެންސް ޗީފް ސްޕްރިޑެންޓް މުހައްމަދު އަފްޒަލް ވިދާޅުވީ، އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 7:40ގައި އީކޭ ފްލައިޓް 656 އިން ރާއްޖެއަށް އައި މެލޭޝިއާގެ 44 އަހަރުގެ މީހެއްގެ ލަގެޖު ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

"މިގޮތުން ލަގެޖުން ފެނުނު ތަކެތި ކަސްޓަމްސްއިން ފުރަތަމަ މަރުހަލާގައި ޓެސްޓުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނިބިސްއަށް ވަނީ ޕޮޒިޓިވްވެފައި، މި ތަކެތީގެ ބަރުދަނުގައި 15.38 ކިލޯ އެބަހުރި. މި ތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 12.3 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ،" އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ، އެއީ ވައިގެ މަގުން މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅުނު އެންމެ ގިނަ މަސްތުވާތަކެތި ކަމަށެވެ.

އަފްޒަލް ވިދާޅުވީ، އެ މީހާގެ ޓްރެވެލް ރޫޓު އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން ފޭކް ޓިކެޓެއް އޭނާގެ އަތުން ފެނިފައިވާ ކަމަށާއި އޭނާ ރާއްޖެ އައިސްފައިވަނީ މި ބެންކޮކުން ދުބާއީއަށް ގޮސް، ދުބާއީން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހެޑް އޮފް ކޮންޑެމް ނާކިޓޮކްސް އޮޕަރޭޝަންސް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް އިމްރާން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އިތުރު 41 އަހަރުގެ މެލޭޝިއާގެ ރައްޔިތަކުވެސް ހައްޔަރުކޮށްފައިވާ ކަމަށާއި އެ ދެ މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވީ، އެ ކޭސްގައި އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ތަހުގީގަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *