އާރުޓީއައިގެ ދަށުން މައުލޫމާތު ދޭން ސަރުކާރުގެ ކުންފުނިތަކަށް ލާޒިމްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

އާރުޓީއައިގެ ދަށުން މައުލޫމާތު ދޭން ސަރުކާރުގެ ކުންފުނިތަކަށް ލާޒިމްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު ދޭން، ލާޒިމް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އެކޯޓުން މިއަދު އެގޮތަށް ނިންމީ، އެގޮތަށް ސަރުކާރު ކުންދނިތަކުން މައުލޫމާތު ދޭންނުޖެހޭ ކަމަށް ކަނޑައަޅައިދިނުމަށް އެދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުން މިއަދު ކުރީ އެމްޓީސީސީއާ ދެކޮޅަށެވެ.

މިއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން އެންމެ ފަހުން ހެދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވައިދުގައި، ގާނޫނުގައި ބުނާ ދައުލަތުގެ އިދާރާތަކުގެ ގޮތުގައި، ދައުލަތުން އުފައްދާ ކުންފުނިތައް ހިމަނާފައިވާ މައްސަލައާ ގުޅިގެން އެމްޓީސީސީން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ބުނާގޮތުން، އެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދޭނީ ދައުލަތުގެ އިދާރާ ތަކުންނެވެ.

ދައުލަތުގެ އިދާރާތަކުގެ ގޮތުގައި ގާނޫނުގައި މާނަކޮށްފައި ވަނީ، ވެރިކަން ހިންގާ ފަރާތާއި ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ސަލާމަތީ ހިދުމަތްތަކާއި ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލްތައް ހިމެނޭގޮތުން ކަމަށެވެ. އދި އޭގެ އިތުރުން އެތަންނެ ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިނގާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް ހިމެނޭގޮތުންކމށްވެސް ބުނެފައިވެއވެެ.

އެހެންކަމުން އެމްޓީސީސީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ، ދައުލަތުން އުފައްދާ ކުންފުނިތައް އޭގެ ތެރޭގައި ހިމެނޭކަމަށް އައިކޮމް އިން ގަވާއިދަށް ގެނައި ބަދަލަކީ ގޯސް ބަދަލެއްކަމަށްބުނެއެވެ. އަދި އެއީ ގަވާއިދު ހެދުމަށް ލިބިފައިވާ ދާއިރާގެ ބާރުން އެ ގާނޫނުހިންގާ ފަރާތްތަކުގެ ތެރޭގައި ހިމެނިފައިނެތް އެހެން ފަރާތްތަކެއްގެ މައްޗަށް ގާނޫނު ހިނގާގޮތަށް އިބާރާތްކޮށް ދީފައިވާ މާނަ ކުރުމެއް ކަމަށްވެސް ބުނެފައިވެއެވެ.

އެ މައްސަލައިގައި އެމްޓީސީސީން ހައިކޯޓުގަިއ އެދުނީ، ގަވާއިދުގައި އެގޮތަށް ބަޔާންކުރާ އަކުރު ބާތި ކުރުމަށެވެ. ނަމަވެސް ހައިކޯޓުން ނިންމީ އައިކޮމްގެ ގަވާއިދު ރަނގަޅު ކަމަށެވެ.

ނަމަވެސް އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން 2021 ވަނަ އަހަރު އެ ނިންމުން އެމްޓީސީން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެހެންކަމުން މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމަން ޖެހިފައި އޮތީ، އައިކޮމް އިން ހަދާފައިވާ ގަޥާއިދުގެ 61 ވަނަ މާއްދާގެ (ޅ) އަކީ ގާނޫނުއަސާސީގައި ބުނާ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިދާރާގެ މާނައާ ފުށުއަރާ އަލުރެއްތޯ ނުވަތަނަ ނޯންތޯ ކަނޑައެޅުމެވެ.

އެޓާނީ ޖެނެރަލްގެ އޮފީހާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ދެކޮޅަށް އެމްޓީސީސީން ހުށަހެޅި މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑީޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުން ބަޔާންކުރާ ތަންތަނުގެ ތެރޭގައި ދައުލަތުން މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް ހަވާލުކޮށްފައިވާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓު ހިންގާ ނުވަތަ ބަޖެޓުން އެހީ ލިބޭ ކޮންމެ ތަނެއް ހިމެނޭކަން އެނގެން އެބައޮތް ކަމަށެވެ.

ސަރުކާރު ހިއްސާވާ ގޮތަށް އުފައްދާފައިވާ ގިނަ ކުންފުނިތަކަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ބައެއް އަސާސީ ހިދުމަތްތައް ތަކުލީފަކަށް ނުވާ ގޮތަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުނިތަކެއް ކަމށާއި، އެހެންކަމުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައިކޮމް އިން ހަދާފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވައިދު އޮތީ ރަނގަޅަށް ކަމަށްވެސް ހުކުމްގައިވެއެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން އެހެންކަމުން ސަރުކާރު ކުންފުނިތަކަށް އާރުޓީއައިގެ ދަށުން މައުލޫމާތު ދޭން ލާޒިމްވާނެ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އައި ފަނޑިޔާރު އައިޝާ ޝުޖޫންއާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *