2010ގެ ފަހުން ބިން ހިއްކި ރަށްތަކުގެ ތެރެއިން ހުޅުމާލޭ ފޭސް ދޭކާއި ދިއްދޫގައި ފިޔަވައި އެހެން ރަށަކު ނަރުދަމާއެއް ނެތް: މިނިސްޓަރު

2010ގެ ފަހުން ބިން ހިއްކި ރަށްތަކުގެ ތެރެއިން ހުޅުމާލޭ ފޭސް ދޭކާއި ދިއްދޫގައި ފިޔަވައި އެހެން ރަށަކު ނަރުދަމާއެއް ނެތް: މިނިސްޓަރު

ހުޅުމާލެ ފޭސް ދޭކާއި ހއ. ދިއްދޫ ފިޔަވައި، 2010 ވަނަ އަހަރުން ފެށިގެން ބިން ހިއްކާފައި ހުރި، އެއްވެސް ރަށެއްގައި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ބިން ހިއްކާފައިވާ ރަށްރަށުގެ ހިއްކާފައިވާ ސަރަހައްދު ތަކުގައި ފެނާއ ނާރުދަމާ ނިޒާމު ގާއިމް ކޮށްފައި ނުވާ މައްސަލައި، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރެއްވި މެންބަރުންގެ ތެރެއިން ދުވާފަރު މެންބަރު މުހައްމަދު އަލީ ވިދާޅުވީ، ރ. ދުވާފަރު ބިން ހިއްކައި ނިމި،  ވަރަށް ގިނަދުވަސް ތަކެއް ވެފައިވާ ކަމަށެވެ. އަދި ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާން ވިދާޅުވީ، އެރަށުން ހިއްކާފައިވާ ބިމުގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައި ނެތުމުގެ ސަބަުން އެ ބިމުން ގޯތި ލިބިފައިވާ މީހުންނަށް ގެދޮރު ބިނާކުރާނެ ގޮތް ނެތިފައިވާ ކަމަށެވެ. އެހެން ކަމުން އެ ބިން ތަކުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރެވޭނީ ކޮން ދުވަހުންތޯ އެ މެންބަރުން މިނިސްޓަރާ ސުވާލު ކުރެއްވިއެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޖުމްލަ ގޮތެއްގައި ހުޅުމާލެ ދެވަނަ ފޭސް އާއި ދިއްދޫ ފިޔަަވައި ބިން ހިއްކާފައި ހުރި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.

ހާއްސަކޮށް ހިންނަވަރާއި ކުޅުދުއްފުށި ފަދަ، ރަށްރަށުގައި އެ މަޝްރޫއު ހިންގާފައި ނުވުމަކީ ވަރަށްބޮޑު ދެރައެއް ކަަމަށްވެސް ވިދާޅުވިއެވެ. އަދި ބިން ހިއްކުމަކީ ސަރުކާރުން ބޮޑެތި ހަރަދު ތަކެއް ކޮށްގެން ކުރާ ކަމެއް ކަމަށާއި، އެފަދަ ހިދުމަތެއް ގާއިމްނުކޮށް އެތަންތަން ހުހަށް އޮތުމަކީ އެއްވެސް ފައިދާއެއް ނުވެ، ސަރުކާރުން ކޮށްފައިވާ ބޭކާރު ބޮޑު ހަރަދަކަށް ވެގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިިނިސްޓަރު ވިދާޅުވީ، އެފަދަ ބިން ތަކުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުުމަށްޓަކައި ކުރަންޖެހޭ މަަަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެގޮތުން އެކަން ކުރެވޭނެ އަގުތަކައް ހަދާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގެ އަމާޒަކީ، މިހާރު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ނުކުރެވި ހުރި ހުރިހާ ރަށެއްގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ނިޒާމު ގާއިމްކޮށް ނިންމައި ހިދުމަތް ދިނުން ކަމަށް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މުއްތަލިބު ވިދާޅުވީ، ހުރިހާ ރަށަތަކަށް އެ ހިދުމަތްތައް ފޯރުކޮށްދޭންޖެހޭ މުއްދަތެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަަސައްކަތް ކުރިއަށް ދާގޮތުން ގާނޫނަށް ބަދަލު ތަކެއް ގެންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ގާނޫނުގައި ބަޔާންކޮށްފައި އެބައޮތް ހުރިހާ ރަށަކަށް އެ ހިދުމަތްތައް ފޯރުކޮށްދޭންޖެހޭ މުއްދަތެއް، އަޅުގަނޑު ހަނދާންވަނީ އަންނަ އަހަރުގެ މެދުތެރޭގެ ތާރީހެކޭ ގާނޫނުގައި ބަޔާން ކޮށްފައި އޮތީ، އެހެން ނަމަވެސް ތިބޭފުޅުނަށް އެނގިވަޑައިގަންނަވާނެ އެކަން ދާގޮތް. ބައެއް ރަށްރަށުގައި ސުން ޕަސެންޓްގައިވެސް އެބަހުރި މަސައްކަތް، އެހެންވީމާ ގާނޫނަށް އަޅުގަނޑުމެން ބަދަލު ތަކެއް ގެންނަން ޖެހޭނެ ކޮންމެގޮތެއް ވިޔަސް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓާގެޓަކީ މިއަހަރުން ފެށިގެން ދެ އަހަރު ތެރޭގައި މަސައްކަތް ނިންމައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. ނަމަވެސް އެއީ ބިން ހިއްކި ރަށް ތަކުގެ ހިއްކި ބައި ނުހިމަނައި ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *