އެސްޓީއޯގެ ހިއްސާ އަކަށް 80 ރުފިޔާ ބަހަނީ

އެސްޓީއޯގެ ހިއްސާ އަކަށް 80 ރުފިޔާ ބަހަނީ

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި  ފާސް ކޮށްފިއެވެ.

މިއީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންވެސް މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ބެހުމަށް ނިންމާފައިވާ އަދަދެވެ. އެސްޓީއޯ އިން 2022 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައި ވަނީ ހިއްސާ އަކަށް 77 ރުފިޔާއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލުގެ ނީރި ލައުންޖުގައި ބޭއްވި ޖަލްސާގައި ޙިއްސާއަކަށް 80 ރުފިޔާ ބެހުމަށް ފާސްވީ ޖަލްސާގައި ބައިވެރިވި މީހުންގެ 99 ޕަސެންޓު ވޯޓުންނެވެ.

މިޖަލްސާގައި އެސްޓީއޯގެ 189 ހިއްސާދާރަކު ބައިވެރިވިއެވެ. އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2022 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 18.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10 ޕަސެންޓް ދަށްވުމެކެވެ. އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދަށްވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއެކު އެސްޓީއޯއިން ވިއްކަމުން ދިޔަ ތެލުގެ އަގުވެސް ދަށްކުރަން ޖެހުން ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެހެން ނަމަވެސް ފާއިތުވި އަހަރު އެސްޓީއޯ އިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވުމާއިއެކު އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަނގަޅު ވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 3 ބިލިއަން ރުފިޔާ ލިބިފައެވެ. އެސްޓީއޯގެ ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާވެސް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އެސްޓީއޯ އިން ހާސިލު ކޮށްފައިވެއެވެ. 2022 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1 ބިލިއަން ރުފިޔާއެވެ. އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އަކީ 819 މިލިއަން ރުފިޔާއެވެ. މިއީ 2022 ވަނަ އަހަރު ލިބުނު ސާފު ފައިދާއާއި އަޅާބަލާއިރު 10 ޕަސެންޓު އިތުރު އަދަދެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *