ދުނިޔެއިންކުރާ އިތުބާރަށް ދެގޮތެއްވިޔަ ނުދިނުމަކީ ޤައުމީ މޮޓޯއެއް ކަމަށް ހަދަންޖެހޭ- ނައިބު ރައީސް

ދުނިޔެއިންކުރާ އިތުބާރަށް ދެގޮތެއްވިޔަ ނުދިނުމަކީ ޤައުމީ މޮޓޯއެއް ކަމަށް ހަދަންޖެހޭ- ނައިބު ރައީސް

ދިވެހިރާއްޖޭގެ އަމާންކަމާއިމެދު ދުނިޔެއިންކުރާ އިތުބާރަށް ދެގޮތެއްވިޔަނުދިނުން، އެންމެންގެ ޤައުމީ މޮޓޯއެއްކަމުގައި ހަދަންޖެހޭ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އިޤްތިޞާދު ވަރުގަދަކުރެވި، ތަރައްޤީގެ ދުވެލި ބާރުކުރެވި، ދިވެހީން އެދޭ ތަމައްދުނާއި ކުރިއެރުން ޙާސިލް ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ "ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ" ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ކްރޮސްރޯޑްސް މޯލްވްސްގައި ކުރިއަށްދިޔަ މި ކޮންފެރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހި މުޖުތަމަޢުގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށްދޭ އެންމެ މުހިއްމު އެއް އަސާސަކީ ދިވެހީންނަކީ ސުލްހަ މަސަލަސް ކަމަށް ލޯބިކުރާ ބަޔަކަށްވުން ކަމަށެވެ. އަދި ދުނިޔެ މަތީގެ ސުވަރުގޭގެ ނަމުން، މި ރާއްޖެ މަޝްހޫރުކަން ހޯދާފައި ވަނީ، ޤުދުރަތީ ރީތިކަމާ، ދިވެހީންގެ ކިބައިގައި ލައްވަވާފައިވާ ހިތްހެޔޮކަމާ، ކެތްތެރިކަމާ، އެއްބައިވަންތަކަމުގެ އާދަކާދަތައް ދަމަހައްޓާފައިވާތީ ކަމުގައި ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ކޮންފަރެންސްގެ ބޭނުމަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ވިދާޅުވީ މި ކޮންފަރެންސްގެ ބޭނުމަކީ، ދައުލަތުގެ އެންމެހާ މުއައްސަސާތައް ގުޅިގެން، ރާއްޖޭގެ އަމާންކަމާ، މުޖުތަމަޢުގެ ބަދަހިކަމާ، ވިލުންވެރިކަން ވަރުގަދަކޮށް ދެމެހެއްޓުމަށްޓަކައި، އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ދެނެގަނެ، ސަލާމަތާ، ރައްކާތެރިކަމުގެ ހާލަތު އޮތްގޮތް ތަޞައްވުރު ކުރުން ކަމުގައެވެ. އަދި މާދަމާގެ އަމާން ކަމަށް މިއަދު ކުރަންވީ ކަންކަމުގެ އަމާޒުތައް ކަނޑައެޅުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެއްކަމުގައި ވިދާޅުވިއެވެ.
ނައިބު ވަނީ ރަނގަޅު ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ވިސްނުމާއި ފިކުރު ތަރައްޤީކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދީ އާންމުން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ރާވަންޖެހޭކަމަށާއި، މިކަންކަން ކުރިއަށް ގެންދިއުމުގައި މުޖުތަމަޢުގެ ހުރިހާ ފަންތިއަކާ ގިންތިއެއްގެ އެއްބާރުލުން ހޯދުމަށްވެސް ބާރުއެޅުއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ ދަރީންގެ ހިތްތަކާ ފިކުރިއްޔާތުގައި އިސްލާމީ ރިވެތި އާދަތައް ބިންވަޅު ނަގުވައި، ކެތްތެރިކަމާ ތަހައްމަލުކުރުމުގެ ރިވެތި އާދަ ހުންނަ، ޤައުމު ދެކެ ލޯބިވާ، އެއްބައިވަންތަ، އަދި އެއްބައެއްވަންތަ ދިވެހި މުޖުތަމައެއް އުފެއްދުމަކީ ދުރާލާ މަސައްކަތްކޮށްފިނަމަ، ހާސިލްކުރެވޭނެ ލަނޑުދަނޑިއެއްކަމުގައެވެ. އަދި މި އަމާޒަށް ވާސިލުވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ބާރުއެޅުއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *