ރާއްޖޭގެ ބާޒާރުގައި ވިޔަފާރި ކޮންޓްރޯލް މިހާރު އޮތީ ބިދޭސީންގެ އަތުގައި ކަމަށާއި، ބިދޭސީންގެ އަތުގައި ވިޔަފާރީގެ ކޮންޓްރޯލް އޮވެގެން ޑޮލަރުގެ އަގު ތިރިނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެކްސްގައި މޫސަ ވިދާޅުވީ، ރާއްޖޭގެ ބަޖެޓް ޑެފިސިޓްގައި އޮތްއިރު، ދައުލަތުގެ މުވައްޒަފުން ގިނަވެ، މުސާރައަށް ކުރާ ހޭދަ ބޮޑުތަނުން އިތުރުވެފައިވާއިރު ބާޒާރުގެ ކޮންޓްރޯލް ނަގައިގެން ތިބީ ބިދޭސީން ކަމަށެވެ.
"ބާޒާރުގެ ކޮންޓްރޯލް ބިދޭސީންގެ އަތްމަތީ އޮވެގެން ޑޮލަރުގެ އަގު ދަށްކުރެވޭނެ ގޮތެއް ނޯންނާނެ. އިޤްތިސާދު ރަނގަޅު ކަމަށް ހިސާބުފޮތެއްގަ ޖެހިޔަސް ހިތުހުރި އަގެއްގާ މުދަލާޚިދުމަތް ދެމުންދާ ބަޔަކާއި، ޓެކްސް ނުކުރެވޭ ބިދޭސީ ވިޔަފާރިތަށް ކުރާހާ ހިނދަކު ޑޮލަރުގެ އަގެއް ތިރިއެއް ނުކުރެވޭނެ." މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، ވިޔަފާރީގެ ހަމަހަމަކަން ނިސްބަތުން އެއްމެނަށް ނުދެވި އަދި ޤާނޫނު ތަންފީޒު ނުކުރެވޭނަމަ، އަދިވެސް ޑޮލަރު ދާނީ ބޮޑުވަމުން ކަމަށެވެ.
"އާޚިރުގާ ލަންކާ ދިޔަ މަގަށް ރާއްޖެ ހިގައދާނެ" މޫސަ ވިދާޅުވިއެވެ.