އިދިކޮޅު މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެ ޕާޓީގެ ލީގަލް ސެކްރެޓަރީ ޙިސާން ހުސައިންގެ ނަން ހުށަހަޅުއްވާފައި ވާތީ އެކަން ގަބޫލުކޮށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތާއީދަށް ހިސާން އެދިވަޑައިގެންފި އެވެ.
އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ހިސާންގެ ނަން ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޝާހިދު އިއްޔެ އެކްސްގައި ވިދާޅުވީ އެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް ޙިސާން އައްޔަން ކުރައްވަން ގަސްތުކޮށް، ގައުމީ މަޖިލީހުގެ ރުން އޮތްތޯ ބެލުމަށް އަސާސީ ޤަވައިދުގައި ވާގޮތުގެ މަތިން ހިސާންގެ ނަން، ހުށަހަޅުއްވާފައިވާ ކަމަށެވެ.
"އަލްއުސްތާޒާ ޙިސާން ޙުސެއިން މިޕާޓީއަށާއި، ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިޙްލާސްތެރި ގިނަގުނަ ޚިދުމަތް ތަކަށް ބަލާއިރު، އެކަމަނާއަކީ މި މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް އަޅުގަނޑު ދެކެމެވެ. އެމްޑީޕީގެ ލީޑަރޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދުކަމާއެކު މި ނިންމުމުގައި އެކަމަށްވެސް އަޅުގަނޑު ވިސްނުން ބަހައްޓާފައި ވާނެއެވެ." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ނައިބު ރައީސްގެ މަގާމަށް ހިސާންގެ ނަން ހުށަހެޅުއްވީ، އޭނާއަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.
ޝާހިދުގެ އެ ހުށަހެޅުއްވުން ގަބޫލު ކުރިކަން ހިސާން ވަނީ މިއަދު އާންމުކޮށް ކަށަވަރު ކޮށްދީފައެވެ. ހިސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝާހިދުގެ އެ ހުށަހެޅުއްވުން ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމަށެވެ.
"އަދި އަޅުގަނޑުން ޔަގީންކަންދެން ނަޒާހަތްތެރިކަމާއެކު އަދި ތެދުވެރިކަމާއެކު ޕާޓީއަށް ޚިދުމަތް ކުރާނެ ކަމުގެ. ގައުމީ މަޖިލީހުގެ ތާއީދު އަޅުގަނޑަށް ދެއްވުމަށް އެދެން" ހިސާން ވިދާޅުވިއެވެ.
އެމްޑީޕީގެ ނައިބު ރައީސް ކަމަށް ހިސާންގެ ނަން، ޕާޓީގެ ރައީސް މިއަދު ހުށަހެޅުއްވިއިރު، އެ ޕާޓީގެ ގައުމީ މަޖިލީހުން ހުސްވެފައިވާ ދާއިރާ ތަކުގެ މަގާމު ތަކަށް ކުރިމަތިލާންވެސް މިހާރު ވަނީ ހުޅުވާލާފައެވެ.