އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެ، ސަރުކާރުގެ މާލީ ހިންގުމުގެ ކާމިޔާބީއާއެކު، ފާއިތުވި މަސް ތަކުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސުން ބުނީ ރާއްޖޭގެ އިގްތިސާދަށް ބައިނަލްއަގްވާމީ ބާޒާރުގެ އިތުބާރު ހުރި މިންވަރު ދައްކައިދޭ ސުކޫކް 07 ޖުލައި 2025 ގައި 87.44 އެމެރިކާ ޑޮލަރަށް ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅު ހުރި 64.72 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ކުރިއެރުމެއް ކަމަށެވެ. ސްކޫކްގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިގްތިސާދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ ސަބަބުތަކުގެ ތެރޭގައި ދިވެހި ސަރުކާރުން މިފަހުން އަޅާފައިވާ އުންމީދީ މުހިންމު ފިޔަވަޅު ތަކެއް ފާހަގަ ކޮށްފައިވެއެވެ. މާޗް 2025 ގައި ސަރުކާރުން ވަނީ އަމިއްލަ ކްރެޑިޓަރަކަށް ބޮޑު ރިޕޭމަންޓެއް ދައްކައިފައެވެ. އޭގެ ފަހުން އޭޕްރީލް 2025 ގައި ސުކޫކް ކޫޕަން ޕޭމަންޓްވެސް ދައްކައިފައިވެ އެވެ.
މީގެއިތުރުން، ހަރުދަނާ އަދި އެއްބާރުލުންދޭ ބައިނަލްއަގްވާމީ ޕާޓްނާޝިޕްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއެކު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ރީފައިނޭންސިން ޕެކޭޖެއް ހަމަޖެއްސުމުގައި މުހިންމު ބައިލެޓަރަލް ޕާޓްނަރުންނާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ފިނޭންސުން ބުނީ ސުކޫކްގެ އަގު ބޮޑުވުމަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާއި ދުނިޔޭގެ މާލީ މުޖުތަމައުއާ ގުޅިގެން ކުރާ މަސައްކަތުގެ ހެޔޮ އަސަރު ކަށަވަރުކޮށްދޭ ބައިނަލްއަގްވާމީ ބާޒާރުން ލިބުނު އިތުބާރުގެ ސާފު ވޯޓެއް ކަމަށެވެ.