މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މަޖިލިސް މެމްބަރުން ބޭނުމިއްޔާ، ރައީސް މުއިއްޒުގެ ރިޔާސީ ދައުރަކީ 50 އަހަރު ކަމަށް ހަދައި، ގާނޫނުއަސާސީއަށް ބަދަލު ގެނެވިދާނެ ކަމަށް މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
ރިފާއު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިއަދު ސަރުކާރުގެ ފަރާތުން، ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ރިފާއު ވިދާޅުވީ މިއަދު ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް މަޖިލީހުގައި އެބައޮތް ކަމަށެވެ. އެހެންވެ ޕީއެންސީގެ މެމްބަރުން ބޭނުންވެއްޖެނަމަ، ގާނޫނުއަސާސީގައި މިހާރު އޮތް ރައީސުލްޖުމްހޫރިއްޔާގެ ދައުރުވެސް ބަދަލު ކޮށްލެވިދާނެ ކަމަށާއި އެގޮތުން ރައީސްގެ ދައުރަކީ 15 ނޫނީ 50 އަހަރަށްވެސް ބަދަލު ކުރެވިދާނެ ކަމަށެވެ.
ނަމަވެސް ޕީއެންސީގެ މެމްބަރުން ބޭނުންވަނީ ރައްޔިތުންގެ ހަގީގީ ބާރު ރައްޔިތުންނާ ހަވާލުކުރަން ކަމަށް ރިފާއު ވިދާޅުވިއެވެ. ރައްޔިތުންގެ ޚިޔާލު ހޯދައި، ރައްޔިތުންގެ ވޯޓަކަށް ގިނަ ކަންކަމުގައިދާން ނިންމަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު މިތާ މި ތިއްބަވާ މެންބަރުން ބޭނުންކަމަށް ވާނަމަ 50 އަހަރަށް ވެސް ދައުރު ބަދަލުކޮށްލެވިދާނެ. ގާނޫނުއަސާސީން އެ ޖާގަ އެބަދޭ. އެހެންނަމަވެސް އަޅުގަނޑުމެން އެ ޖާގަތައް މި ދޫކޮށްލަނީ ރައްޔިތުންގެ ޚިޔާލަށް. މި ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ހުރި ހުރިހާ މާއްދާތައް ރައްޔިތުންގެ ޚިޔާލާއެކީ ނޫން ގޮތަކަށް ގާނޫނުއަސާސީ ބަދަލު ނުކުރެވޭ ގޮތަށް އަޅުގަނޑުމެން މި ގާނޫނު މި ހަދަނީ. މިއަށްވުރެ އުފާވެރިކަމެއް ކޮބައިތޯ؟" ރިފާއު ވިދާޅުވިއެވެ.
މިއަދު އޮތް މަޖިލީހަށް މި ބިލު ހުށަހެޅުއްވި މެމްބަރު ފަލާހު ވިދާޅުވީ، ބޭނުމަކީ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް އާންމު ވޯޓު ނެގުމާ ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ.
އެގޮތުން އާންމު ވޯޓެއް ނަގާނެ ކަންކަން ކަމުގައި ބިލުގައި ފާހަގަ ކޮށްފައި ވަނީ، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަން، ގައުމީ މުހިންމު މައްސަލަތައް، ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ މާއްދާ، ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރިޔާސީ ދައުރު، ރައީސުލްޖުމްޙޫރިއްޔާ އިންތިޚާބުކުރާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރުން، ދިވެހިރާއްޖޭގެ ސަރަހައްދު މިއެވެ.
ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި، ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަ ވެގެން 90 ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެ ކަމަށްވެސް މިހާރު ހުށަހަޅާފައިވާ ބިލުގައި ބުނެފައިވެއެވެ.