މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލައިފި

މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލައިފި

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ދިވެހި ތިން ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި 18 އަހަރުގެ މީހަކު ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައިވެއެވެ.

ފުލުހުން ކޯޓަށް ހުށަހެޅި މައުލޫމާތު ތަކުން އެނގޭ ގޮތުގައި އަނިޔާ ލިބުނު މީހާގެ އެއް އިނގިލި ވަނީ ބުރިކޮށްލައިފައެވެ. އެކަން އެނގޭނެ ފޮޓޯތައް ފުލުހުން ހުށަހަޅާފައިވެ އެވެ.

އަނިޔާ ލިބުނު މީހާއަކީ ކުށުގެ ތުހުމަތުވާ ތިން މީހުންނާއެކު އެއް ތަނެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ރަހީނުކޮށް އަނިޔާ ދިން ސަބަބެއް ސާފެއް ނުވެއެވެ. ތިން މީހުން ވެސް ވަނީ ކުށަށް އިންކާރު ކޮށްފައެވެ.

ކޯޓުގައި ތިން މީހުން ބުނެފައި ވަނީ އެމީހާ ރަހީނު ނުކުރާ ކަމަށާއި ގަސްތުގައި އަނިޔާވެސް ދީފައިނުވާ ކަމަށެވެ. އަދި އޭނާގެ އިނގިލި ބުރިވެފައި ވަނީ ޕަވާޓޫލެއް ބޭނުން ކުރަނިކޮށް ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް، ކޯޓު އަމުރުގައިވާ ގޮތުން އަނިޔާ ލިބުނު މީހާއަށް ގަސްތުގައި ޖިސްމާނީ އަނިޔާ ކޮށްފައިވާކަން ފުލުހުން ހުށަހެޅި ފޮޓޯތަކުން އެނގެއެވެ. ތިން މީހުންގެ މައްޗަށްވެސް ތުހުމަތު ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމާއި، ޖެހުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ތުހުމަތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *