އެމެރިކާ ރިޔާސީ އިންތިހާބުގެ ކުރިން ކުރިއަށް ގެންދުވުނު ބަހުސްގައި ބައިޑަން ދެއްކި ޕާފޯމަންސްގެ ސަބަބުން އޭނާގެ ވާދަވެރި ކެންޑިޑޭޓް، ކުރީގެ ރައީސް ޓްރަމްޕް ބޮޑު ތަފާތަކުން ޕޯލްތަކުން ކުރި ހޯދައިފިއެވެ.
އެމެރިކާގެ ރިޔާސަތުގައި މިވަގުތު ހުރި ރައީސް ޖޯ ބައިޑަންގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައި މިވަނީ ދާ ދިފަހުން ސީއެންއެން އިން ކުރިއަށް ގެންދިޔަ ބަހުސްގައި ބައިޑަން ދެއްކި ދަށް ޕާފޯމަންސްގެ ސަބަބުންނެވެ. އޭނާއަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައިވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ނެގި ޕޯލުން ވަނީ ދައްކާފައެވެ.
އާންމުކޮށް ހުޅުވާލައިގެން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޕޯލްގައި 47 އިންސައްތަ މިހުން ވަނީ ޓްރަމްޕް އަށް ވޯޓު ދީފައެވެ. އަދި މިހާރުގެ ރައީސް ބައިޑަން އަށް ވޯޓު ދިނީ އެ ޕޯލްގައި ބައިވެރިވި 43 އިންސައްތަ މިހުންނެވެ. އެހެން ކަމުން އޮންލައިން ޕޯލްގައި ޓްރަމްޕް އުޅެނީ ބައިޑަން އަށް ވުރެ 4 ޕޮއިންޓް ކުރީގައެވެ. ރަޖިސްޓާޑް ވޯޓާސްގެ މެދުގައި ނެގި ޕޯލްގައި މިއަށްވުރެވެސް ފަރަގު ބޮޑެވެ. ޓްރަމްޕް ހޮވުމަށް 49 އިންސައްތަ ޓްރަމްޕް ހޯދައިފައިވާއިރު ބައިޑަން އިންތިޚާބު ކުރުމަށް ބޭނުން ވެގެން ވޯޓް ދީފައި ވަނީ 41 އިންސައްތަ މީހުން ނެވެ.
މި ޕޯލް ޓްރަމްޕް ކާމިޔާބު ކޮށްފައި ވަނީ 9 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ. މީގެކުރިން ނަގާފައިވާ ގިނަ ޕޯލް ތަކުން ބައިޑަން ކުރީގައި އުޅުއްވި ނަމަވެސް މިހާރު ނަގާ ޕޯލް ތަކުން ކުރި ހޯދަނީ ޓްރަމްޕްއެވެ. ރޮއިޓާސް އިން މިއަހަރުގެ އޭޕްރިލް މަހުގައި ކުރިއަށް ގެންދިޔަ ޕޯލެއްގައި ގިނަ މީހުން ބުނެފައި ވަނީ އިންތިޚާބުގައި ވޯޓުލާނީ ބައިޑަން އަށް ކަމަށެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕޯލްގައި ރަޖިސްޓްރީ ކުރި ވޯޓުލާ މީހުންގެ ތެރެއިން %40 މީހުން ބުނީ މިއަދު އިންތިޚާބު ބާއްވައިފިނަމަ، ޑިމޮކްރެޓް ޕާޓީގެ ފަރާތުން ވާދަކުރައްވާ ބައިޑަން އަށް ވޯޓު ދޭނެ ކަމަށެވެ. ކުރީގެ ރައީސް ޓްރަމްޕް ހޮވަން ވޯޓު ދީފައި ވަނީ ޕޯލްގައި ބައިވެރިވި %39 މީހުންނެވެ.
މިގެކުރިން 2020 ވަނަ އަހަރުގައި ޑިމޮކްރަޓްސްގެ ކެނޑިޑޭޓް ބައިޑަން ވަނީ ބޮޑު ތަފާތަކުން އޭރުގެ ރައީސް، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރިހޯދާފަ އެވެ. އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.