ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މާލިއްޔަތާބެހޭ ދެބިލް މަޖިލީހަށް ބަލައިގެން އިތުރަށް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
މިދެބިލަކީ ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ބިލެވެ. އޭގެތެރޭގައި ހިމެނެނީ މިހާރު އަމަލުކުރާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބަދަލުގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހެޅުއްވި ފިސްކަލް ޒިންމާގެ ބިލާއިއެވެ. ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި ދައުލަތުގެ ދަރަންޏާ ބެހޭ ބިލެވެ.
ދެ ބިލުވެސް ބަލައިގަތީ މިއަދުގެ ޖަލްސާގައި ތިއްްބެވި 79 މެނބަރުންގެ ތެެރއިން 78 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ފިސްކަލް ޒިންމާގެ ބިލަކީ ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ނެގޭނޭ ވަރު ނުވަތަ ފައިސާ ޗާޕް ކުރެވޭނެ އަދަދު މިހާރަށް ވުރެ އިތުރުކުރުން ހިމެނޭ އެގޮތަށް ނަގާ ފައިސާ މާކެޓް އިންޓަރެސްޓް ރޭޓުގައި ތިން މަސް ތެރޭ އަނބުރާ ދައްކަން ޖެހޭގޮތަށް ބަދަލު ގެންނަން ހުށަހެޅި ބިލެކެވެ.
ބިލްގައި ވާގޮތުން އެގޮތަސް ފައިސާ ނެގޭނީ މިދިޔަ ތިން އަހަރުދުވަހު ސަރުކާރުގެ އެވްރެޖް އާމްދަނީން ކޮންމެ އަހަރަކަށް ޖެހޭ އަދަދުގެ %2.5އަށް ވުރެ ބޮޑު ނުވާނެ ވަރަށެވެ. ދައުލަތުގެ ދަރަންޏަށް ޒިންމާވުމުގެ ބިލުގައި ވަނީ ދައުލަތުން ދަރަނި ނަގައި ބަލަހައްޓައި މެނޭޖް ކުރަނީ ގައުމުގެ އިގްތިސޯދަށާއި މުސްތަގްބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކުރެވިގެން އަދި ގައުމުގެ އިގްތިސޯދީ ފުދުންތެރިކަމާއި ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމް ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ.
ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމާއި މެނޭޖްކުރުމާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވެރިން ގެރެންޓީ ދޫކުރުމާއި އަދި ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓުކުރުމާއި މޮނިޓާކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުންވެސް މި ބިލްގައި ހމެނެއެވެ.