މިއަދު ހެނދުނު ކުޅުނު މެޗުގައި ފަހުގަޑީ ލައުޓާރޯ މާޓިނޭޒް ޖެހި ގޯލަކުން ފަހުގެ ޗެމްޕިއަން އާޖެންޓީނާ ޗިލީ އަތުން މޮޅުވެއްޖެއެވެ.
ޗިލީގެ މައްޗަށް އާޖެންޓީނާ ކުރި ހޯދައިފައި ވަނީ 1-0 ގެ ނަތީޖާ އިންނެވެ. މި މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ކެނަޑާ އަތުން މޮޅުވީ 3-0 ގެ ނަތީޖާ އަކުންނެވެ.
ޗިލީއާއެކު ކުޅުނު މެޗު ފަށައިގެން އާޖެންޓީނާ އިން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނުއިރު, އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުނީ ޗިލީގެ ހުޅުވާލެވޭ ގޮތް ނުވެއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެންވެސް ޗިލީގެ ފަރާތުން ފެނުނީ ޑިފެންސިވްކޮށް ކުޅެމުން ދިޔަ ތަނެވެ. އާޖެންޓީނާއަށް ނުރައްކާ ވެދާނެ ފަދަ ހަމަލާތަކެއް ޗިލީއަށް އުފެއްދިފައި ނުވެއެވެ.
ދެވަނަ ހާފުގައި ވެސް އާޖެންޓީނާ އިން ވަރުގަދައަށް އެޓޭކު ކުރަމުން ދިޔަނަމަވެސް ގޯލެއް ޖެހިޔަ ނުދީ ޗިލީއިން އެޓީމު ހިފަހައްޓަމުން ދިޔަ އެވެ.
މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި އާޖެންޓީނާ އިން ބަދަލު ތަކެއް ގެނައެވެ. އެގޮތުން މެޗުގެ 88 ވަނަ މިނެޓުގައި އާޖެންޓީނާ މެޗުން މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރި އެއްގެ ގޮތުގައި ކުޅެން އެރި މާޓިނޭޒްއެވެ.
މިއާއެކު އާޖެންޓީނާ ވަނީ ގްރޫޕް އޭ ގެ އެވަނަ ޔަގީންކޮށް ކުރިއަށް މެޗެއް އޮށްވައި ނޮކް އައުޓް ބުރުން ޖާގައެއް ޔަގީންކޮށްފަ އެވެ.
މެސީގެ ގޯލަކަށް ކުރަމުން ދާ އިންތިޒާރު އަދިވެސް އޮތީ އެގޮތަށެވެ. ކެޕްޓަން ލަޔޮނަލް މެސީގެ ގޯލެއް އަދި މިމުބާރާތުގައި ފެންނަ ގޮތެއް ނުވެއެވެ. އެހެން ނަމަވެސް އޭނާގެ އެސިސްޓެއް ފުރަތަމަ މެޗުން ފެނުނެވެ. އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އަކީ މިފަހަރުގެ މުބާރާތުގެ ފެވަރިޓުންކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.