އައްޑޫ މަސްފެކްޓްރީގެ ހުރިހާ ތަނަކުން ކަރަންޓް ކަނޑައިލުމުން މުވައްޒަފުން ނިދަން ޖެހުނީ ބޭރުގައި: މިފްކޯ

އައްޑޫ މަސްފެކްޓްރީގެ ހުރިހާ ތަނަކުން ކަރަންޓް ކަނޑައިލުމުން މުވައްޒަފުން ނިދަން ޖެހުނީ ބޭރުގައި: މިފްކޯ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ކިރުވި މަހަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ، އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ސަރަހައްދަށް އެއްވެ އިހުތިޖާޖު ކުރަމުންދާ މަސްވެރިން އެތަނުގެ މުވައްޒަފުން އެކޮމޮޑޭޝަން ބްލޮކުން ނެރުމުގެ ސަބަބުން ރޭ މުވައްޒަފުން ނިދަން ޖެހުނީ ބޭރުގައި ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިއަދު ބުނީ އެތަނުގެ ސްޓާފް ކެންޓީން ތަޅުލައި ބަންދު ކޮށްފައިހުއްޓައި، މުޒާހަރާގެ ބައިވެރިން އިއްޔެ އެތަނުގެ ކުޑަދޮރުންވަދެ ތަނުގެ ފުޑްސަޕްލައިވެސް ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި އެކޮމަޑޭޝަން ބްލޮކުން ކަރަންޓް ކަނޑައިލުމުގެ ސަބަބުން ރެއިން ފެށިގެން މުވައްޒަފުން ނިދަނީ ބޭރުގައި ސަތަރި އަޅައިގެން ކަމަށްވެސް ބުނެފައިވެއެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ކަންތައް ހުރި ގޮތުން މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް ނުފުދި ކެއިން ބުއިމާއި ފާޚާނާ ކުރުންފަދަ ކަންތަކަށް ހުރަސްއެޅިފައިވާ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

"ރޭގައި ފުލުހުން ރެކުއެސްޓް ކޮށްގެން ކަރަންޓް ދިނުމުން މަސްލަހަތު ގެއްލި، ތަނާއި މުދަލަށާއި ތަނުގެ ސްޓާފުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެފަދަ ހާލަތަށް ހިނގައިދާނެ ކަމަށް ކުންފުންޏަށް ގަބޫލު ކުރެވުމުން ފަހުން ޖެހުނީ ކަރަންޓް ކަނޑައިލަން،" މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ މަސްވެރިންގެ ޑީމާންޑަކީ ޕެންޑިން ޕޭމަންޓް ވީ އެންމެ އަވަހަކަށް ދޫކުރުން ކަމަށެވެ. އެކަމަށް ބާރު އެޅުމުގެ ގޮތުން އެތަނުގެ އެކޮމޮޑޭޝަން ބްލޮކާއި އެޑްމިން ބިލްޑިންގާއި ކެފެޓޭރިއާއިން ކަރަންޓް ކަނޑާލައިފައި ބެހެއްޓުމަކީ މަސްވެރިންގެ ޑިމާންޑެއް ކަމަށްވެސް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ މިދިޔަ އީދު ބަންދަށް މިފްކޯއިން ވަނީ 46 މިލިޔަން ރުފިޔާ މަސްވެރިންށް ދޫކޮށްފައި ކަމަށެވެ.

"އޭރު މީޑިޔާތަކަށް ދެންނެވިން ހުޅުވޭ ހަފުތާގައި ޕެންޑިން ޕޭމަންޓް ކުލިއާރ ކުރުމާމެދު ހެދޭނެ ގޮތްތައް ބަލައި ސަރުކާރާއެކު މަޝްވަރާ ކޮށްގެން ގޮތެއް ހޯދާނެ ކަމަށް، އެގޮތުން އޮޑިވެރިންނަށް މިހާތަނަށް ނުދެކިއްވާ ފައިސާ ވީ އެންމެ އަވަހަކަށް ދޫކުރުމަށް މިދަނީ މަސައްކަތް ކުރަމުން،" މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ އެފަރާތުގެ އިލްތިމާސްއަކީ މަސްވެރިން ކުރިއަށް ގެންދާ އިހުތިޖާޖުތައް ވީހާވެސް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުން ކަމަށެވެ.

"ޚާއްސަކޮށް ކުންފުނީގެ މުދަލާއި މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކީ މުޅި ސިނާއަތަށްވެސް ލިބޭނެ ދެރައެއް، ޚާއްސަކޮށް މުވައްޒަފުންގެ އިންސާނީ ކަރާމާތަށާއި ޒަރޫރީ ބޭނުން ތަކަށް އުނިކަން އަންނަ ފަދަ ކަންކަން ނުކުރުން،" މިފްކޯއިން ބުންޏެވެ.

މުވައްޒަފުންގެ ހައްހުގައި ކުންފުނިން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *