އަލްބޭނިއާ ގަދަފަދަ ކްރޮއޭޝިޔާ އަތުން ބަލިނުވެ ހިފަހައްޓައިފި

އަލްބޭނިއާ ގަދަފަދަ ކްރޮއޭޝިޔާ އަތުން ބަލިނުވެ ހިފަހައްޓައިފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި މިރޭ ކްރޮއޭޝިއާ އިން ފަހަތުން އަރައި މޮޅުވަނިކޮށް، މެޗުގެ އިތުރު ވަގުތުގައި އަލްބޭނިއާ އިން ލަނޑެއް ޖަހައި 2-2 އިން މެޗު އެއްވަރުކޮށްފި އެވެ.

މި މެޗުގެ ނަތީޖާއާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދި ކްރޮއޭޝިއާ އަށް ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމުގައި އުނދަގޫތަކާ ކުރިމަތިވެފަ އެވެ. ކްރޮއޭޝިއާ ވަނީ ފުރަތަމަ މެޗުގައި ސްޕެއިން އަތުން 3-0 އިން ބަލިވެފަ އެވެ. ހެމްބާގްގެ ދަނޑުގައި ކުޅުނު މެޗުގެ 11 ވަނަ މިނިޓުގައި އަލްބޭނިއާ އިން ލީޑު ނެގީ ކިޒިމް ލާސީ ޖެހި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ތެރެއަށް އަލްބޭނިއާގެ ކުޅުންތެރިއެއް ހުރަސްކޮށްލި ބޯޅައެއް ލާސީ ބޮލުން ގޯލާ ދިމާލާށް ފޮނުވައިލިއިރު، އެ ބޯޅަ ގޯލަށް ވަނީ ކްރޮއޭޝިއާގެ ގޯލްކީޕަރު، ޑޮމިނިކް ލިވާކޮވިޗްގެ އަތުގައި ޖެހިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލީޑު ފުޅާކުރުމަށް އަލްބޭނިއާ އަށް އިތުރު ފުރުސަތުތަކެއް ލިބުނެވެ. އޭގެ ތެރެއިން އެއް ހަމަލާގެ ހުރަހަކަށްވީ ކީޕަރު ލިވާކޮވިޗް އެވެ. އަލްބޭނިއާ އިން ލީޑު ހިފެހެއްޓުމަށް ޑިފެންސަށް ފައިބައިގެން ރަނގަޅު މަސައްކަތްތަކެއް ކުރަނިކޮށް، ދެ ވަނަ ހާފުގައި ކްރޮއޭޝިއާ އިން އެ ޓީމު ކޮޅަށް މެޗު އަނބުރާލީ ގާތްގާތުގައި ޖެހި ދެ ލަނޑުންނެވެ. ކްރޮއޭޝިއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ 74 ވަނަ މިނިޓުގައި އަންދްރޭ ކްރަމަރިޗް ޖެހި ލަނޑުންނެވެ.

އަދި އޭގެ ދެ މިނިޓު ފަހުން ކްރޮއޭޝިއާއަށް ލީޑު ލިބުނީ އަލްބޭނިއާގެ ކްލައުސް ގުޖަސޫލާ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. މެޗުން ކްރޮއޭޝިއާ މޮޅުވާނެ ކަމަށް ބެލެވިފައިވަނިކޮށް، އަލްބޭނިއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ އިތުރު ވަގުތުގައި ގުޖަސޫލާ ޖެހި ލަނޑުންނެވެ. މި ނަތީޖާއާ އެކު ކްރޮއޭޝިއާ އަށް ދެ ވަނަ ބުރުގެ ފުރުސަތެއް ދެން އޮންނާނީ ގުރޫޕްގެ ފަހު މެޗުގައި އިޓަލީ އަތުން މޮޅުވެގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *