ރޮނާލްޑޯގެ ޕޯޗުގަލު ސަލާމަތްވީ 90 ވަނަ މިނިޓުގައި ޒުވާން ކޮންސެއިސޯ ޖެހި ގޯލުން

ރޮނާލްޑޯގެ ޕޯޗުގަލު ސަލާމަތްވީ 90 ވަނަ މިނިޓުގައި ޒުވާން ކޮންސެއިސޯ ޖެހި ގޯލުން

ފަހު ވަގުތު ޗެކް ރިޕަބްލިކް ކޮޅަށް ޖެހި ލަނޑުން ޕޯޗުގަލް މޮޅުވެއްޖެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެފްގައި ޕޯޗުގަލް އާއި ޗެކްރިޕަބްލިކް ވާދަކުރި މެޗު 1-2 ގެ ނަތީޖާ އަކުން ފަހު ވަގުތު ޕޯޗުގަލް ކާމިޔާބުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. މި ހާފުގައި ޕޯޗުގަލްއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައިވާއިރު، މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ޕޯޗުގަލްއަށް ގޯލެއް ޖަހާ މެޗުގެ ލީޑު ނެގުމަށް އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް މި ހާފުގައި ގޯލުޖަހާނެ ރަނުގެ ފުރުސަތެއް ވަނީ ލިބިގެން ގޮސްފައެވެ.

ޕެނަލްޓީ އޭރިއާ ތެރެއަށް މުޅިން ހުސްކޮށް ހުރެ ވަދެ ފޮނުވާލި ބޯޅަ ޗެކް ރިޕަބްލިކްގެ ކީޕަރު ޖިންޑްރިޗް ސްޓަނެކް ވަނީ ދިފާއުކޮށްފައެވެ. އަދި ޕޯޗުގަލްގެ ބުރޫނޯ ފާނެންޑޭޒް އަދި ބާނާޑޯ ސިލްވާ އަށްވެސް ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޗެކް ރިޕަބްލިކް އަށް އުފެއްދުނު ހަމަލާތައް މަދު ނަމަވެސް އެ ޓީމުންވެސް ވަނީ ޕޯޗުގަލްގެ ގޯލަށް ނުރައްކާކޮށްފައެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.  ދެވަނަ ހާފުގައި ޗެކް ރިޕަބްލިކް އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 62 ވަަނަ މިނެޓުގައި ޗެކްރިޕަބްލިކްގެ ވްލެޑިމިރް ކޮއުފޮލް ތަނަވަސް ކޮށްދިން ފުރުސަތަކުން މި ގޯލު ޗެކް ރިޕަބްލިކް އަށް ކާމިޔާބުކޮށް ދިނީ ލޫކަސް ޕްރޮވޮޑްއެވެ. ޗެކްރިޕަބްލިކުން ގޯލެއް ކާމިޔާބުކޮށް މާ ގިނައިރުތަކެއް ނުވަނީސް ޕޯޗުގަލްއިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މިއީ ޗެކް ރިޕަބްލިކްގެ ކުޅުންތެރިޔާ ރޮބިން ހަރްނަކް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލަށް ފަހުވެސް ޕޯޗުގަލްއިން ދިޔައީ ޗެކް ރިޕަބްލިކްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާ އެއްގެ ގޮތުން މެޗުގެ 87 ވަނަ މިނެޓުގައި ޑިއެގޯ ޖޯޓާ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް އެ ގޯލް ޖެހުމުގެ ކުރިން ކެޕްޓަން ރޮނާލްޑޯ އޮފްސައިޑް ވުމުގެ ސަބަބުން އެ ގޯލު ބަލައެއް ނުގަނެއެވެ.

މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ޕޯޗުގަލްއިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު ޕޯޗުގަލްއަށް ކާމިޔާބުކޮށް ދީފައިވަނީ ފްރެންސިސްކޯ ކޮންސެއިސޯއެވެ. އުމުރުން 21 އަހަރުގެ ފޯވާޑް ކުޅެން އެރީ މެޗު ނިމެން މަދު މިނެޓުކޮޅަކަށް ވި ތަނާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *