އިންގްލެންޑްގައި ތިބި ކުޅުންތެރިންގެ ހުނަރަށް ބަލާއިރުވެސް އެ ގައުމަށް މި އަހަރުގެ ޔޫރޯ ކާމިޔާބު ކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފިއެވެ.
ޔޫރޯގެ ކުރިން އައިސްލެންޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި އިންގްލަންޑުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުން 1-0 ގެ ނަތީޖާ އަކުން ވަނީ ބަލިވެފައެވެ. ޔޫރޯއަށް ތައްޔާރުވާން ރޭ ކުޅުނު މެޗުތަކުން އިންގްލެންޑުން 1-0 އިން އައިސްލެންޑް އަތުން ބަލިވިއިރު، ޔޫރަޕްގެ ފުޓްބޯޅައިގައި ގަދަބާރެއް ކަމަށްވާ ޖަރުމަނުވިލާތް ވަނީ ފަހަތުން އަރައި 2-1 އިން ގްރީސް އަތުން މޮޅުވެފައެވެ.
އިނގިރޭސިން ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ އައިސްލެންޑް މެޗުން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން ފެނުނު ކަމަށެވެ. އަދި، މިއީ، އިންގްލެންޑްގެ ފެންވަރު ނޫން ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.
"މި މެޗުން (އައިސްލެންޑް މެޗުން) ޕޮޒިޓިވް އެއް ކަމެއްވެސް ނުފެނުނު. މިއީ ރަނގަޅު ކުރަންޖެހޭ ގިނަ ކަންކަން ފެނުނު މެޗެއް" ސައުތުގޭޓް ބުންޏެވެ.
ސައުތުގޭޓް ބުނީ ޔޫރޯގެ ކުރިން ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ޔޫރޯ އަށް ނުކުންނައިރު، ނުކުންނާނީ އެންމެ ފަހުގެ ޔޫރޯގެ ފައިނަލުން ބަލިވި ބަލިވުން ހަނދާން ނައްތާލައިގެން ކަމަށް ކޯޗު ސައުތުގޭޓް ވަނީ ބުނެފައެވެ.
ސައުތުގޭޓް ބުނީ އިންގްލެންޑް ކުޅުންތެރިންގެ ފެންވަރަށް ބަލާނަމަ، އެ ޓީމަށް އެއްވެސް އުނދަގުލަކާ ނުލާ ޔޫރޯ ކާމިޔާބު ކުރެވެންޖެހޭ ކަމަށެވެ.
"ހަމަ އެކަނި ޓެލަންޓައް ބެއްލިޔަސް އިންގްލަންޑަށް ޔޫރޯ ކާމިޔާބު ކުރެވޭނެ" ސައުތުގޭޓް ބުންޏެވެ.
މި ފަހަރުގެ ޔޫރޯ އަށް އިންގްލަންޑުން ނުކުންނައިރު، އެ ޓީމުން ގިނަ ބަދަލުތަކެއް ފެންނާނެއެވެ. އެ ގޮތުން އަނިޔާގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑް ކުޅެމުން އަންނަ ހެރީ މެގުއާ، ރަޝްފޯޑް އަދި ޓޮޓެންހަމް ހޮޓްސްޕާސްގެ ޖޭމްސް މެޑިސަން ވަނީ ބާކީ ކޮށްފަ އެވެ. މީގެއިތުރުން ފިޓްނަސްގެ މައްސަލަ ދިމާގެ މެންޗެސްޓާ ސިޓީގެ ޖެކް ގްރީލިޝްވެސް ވަނީ ސްކޮޑުން ބާކީ ކޮށްފައެވެ.
އެންމެފަހުން އޮތް ޔޫރޯގައި އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގެ ފައިނަލުން އިޓަލީ އަތުން ހިތި ގޮތަކަށް ބަލިވެފައިވާ އިންގިރޭސިންނަށް އަދި މިހާތަނަށް މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ކޮންމެ ފަހަރަކު ވެސް އިނގިރޭސި ސަޕޯޓަރުން [އިޓްސް ކަމިންގ ހޯމް] އޭ ކިޔުން ނޫން ކަމެއް ނުވެއެވެ.