ބިން ހިއްކުމާއި ފަޅު ފުންކުރުން ހުއްޓާލަން އެންގި އެންގުން ބާތިލްކޮށް އަލުން ހުއްދަ ދީފި

ބިން ހިއްކުމާއި ފަޅު ފުންކުރުން ހުއްޓާލަން އެންގި އެންގުން ބާތިލްކޮށް އަލުން ހުއްދަ ދީފި

ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވުމުން ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ ހުރިހާ މަޝްރޫއުތައް ވަގުތީ ގޮތުން މަޑުޖައްސާލަން ސަރުކާރުން އެންގި އެންގުން އުވާލައި، މަޝްރޫއުތައް އަލުން ފަށަން މިއަދު ހުއްދަ ދީފި އެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބިން ހިއްކުމުގެ މަސައްކަތްތަކާއި ފަޅު ފުން ކުރުމުގެ މަސައްކަތް ތަކާއި ފަޅު ކޮނުމާއި ގޮނޑު ދޮށުން ވެލިއެޅުމާއި ޕަމްޕު ބޭނުން ކޮށްގެން ވެލި ނެގުމާއި ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން ކަހަލަ މަސައްކަތްތައް އެއް މަސް ދުވަހަށް މަޑުޖައްސާލަން އެންގީ ގާ ހުދު ވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް، މިޓިގޭޝަން ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ނަމަވެސް، މިހާރު ކަނޑުގެ ލޮނުގަނޑުގައި ހުރި ހޫނުމިން ދަށްވަމުން އަންނަ ކަމަށާއި ގާތަށް ހުދުވުންވެސް މަޑު ޖެހެމުން އަންނަ ކަމަށް އީޕީއޭ އިން މައުލޫމާތު ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ގައު ހުދު ވުމުގެ މިހާރުގެ ހާލަތަށް ބަލައި އެލާޓް 1 އަދި 2 އަށް ވޮޗް ސްޓޭޖަށް މިހާރު ވަނީ ޓްރާންސިޝަންވެފައެވެ،" އެ ބަޔާނުގައިވެއެވެ.

ގާ ހުދުވުމުގެ މިހާރުގެ ހާލަތު ބަދަލުވެފައި ވިޔަސް، މުރަކަ ތަކުގެ ހާލަތު އަދިވެސް ވަރަށް ނާޒުކު ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންވެ، މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތަކުގައި ހުރި ކަންކަމަށް ރިއާޔަތް ކޮށްގެން މަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމަށާއި ލިބިފައިވާ ގެއްލުމުގެ ދިރާސާއެއް ހަދަން ޖެހޭ ކަމަށްވެސް ބުންޏެވެ.

ގާ ހުދުވުމުގެ ސަބަބުން މިދިޔަ އެއް މަސް ދުވަހަށް ގާތްގަނޑަކަށް 200 މަޝްރޫއެއްގެ ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ މަސައްކަތް އޮތީ ހުއްޓުވައިފައެވެ. އެ މުއްދަތު ހަމަވިޔަސް، އީޕީއޭ އާއި މިނިސްޓްރީން ހާލަތު މޮނީޓާ ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"މިހާތަނަށް ލިބިފައިވާ ފޮޓޯ އަދި ފީލްޑް އޮބްޒަވޭޝަންތަކުން، ރާއްޖޭގެ ފަރުތަކުގެ ބޮޑު ބަޔަކަށް ގާ ހުދުވުމުގެ އަސަރު ކޮށްފައިވާކަން ފާހަގަވެއެވެ. އަދި ބައެއް މުރަކައިގެ ވައްތަރު ތަކަށް ލިބިފައިވާ ގެއްލުންތައް ކުޑައެވެ. މިކަން ފާހަގަވެފައި ވަނީ އެކްރޮޕޯރާ އަދި ޕޮކިލޮޕްރާ ވައްތަރުގެ މުރަކައިގައެވެ. އޭގެ ސަބަބެއް ކަމުގައި ބެލެވިފައި ވަނީ މޫސުމީ ބަދަލަށް ހޭނުމާއި މުރަކަ ހެދޭ ރޭޓަށް ބަދަލު އައުމެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިއީ 2016ގެ ފަހުން ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑު އަހަރަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ވެސް ވަނީ މީގެކުރިން ލަފާކޮށްފައެވެ.

ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998 ގައި ފާހަގަ ކުރެވުނު ފަހުން އެ ކަހަލަ ހާދިސާ ތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި އައި ގާ ހުދުވުމެވެ.

ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ރަނގަޅަށް ދިރާސާ ކުރެވުނީވެސް އެ ފަހަރެވެ. އެ ދިރާސާ އަށް ފަހު އެމްއެމްއާރްއައި އިން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2016 ގައި ރާއްޖޭގެ 73 ޕަސެންޓް މުރަކަ ހުދުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *