ޖަލު ބަންދު ފިޔަވައި އިތުރު އަދަބުތައް ތަންފީޒު ކުރަން އައްޑޫ ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއް

ޖަލު ބަންދު ފިޔަވައި އިތުރު އަދަބުތައް ތަންފީޒު ކުރަން އައްޑޫ ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއް

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން އައްޑޫ ސިޓީ ކައުންސިލާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އިދާރާގައި އިއްޔެ މެންދުރު ކުރިއަށް ދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކަރެކްޝަންސްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރެވެ. އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ.

ކަރެކްޝަންސްއިން ބުނީ މި ފަހުމުނާމާއަކީ ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމުގައި އެ އެ ހިދުމަތުން އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަދަބު ތަންފީޒު ކުރުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެވުނު ފަހުމުނާމާއެއް ކަމަށެވެ.

އެގޮތުން ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން ގައިދީ ވަކި ތައުލީމީ ޕްރޮގްރާމެއް ނުވަތަ އެ ނޫން ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އަމުރު ކުރާ ހާލަތުގައި، އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން އެއިރަކު ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އަދި މުޖުތަމައަށް ހިދުމަތް ކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތައް ދެނެގަތުމަށް އައްޑޫ ސިޓީ ކައުންސިލުންނާއި ގުޅުން ހުރި ޖަމިއްޔާތަކުންނާ އަދި އެ ނޫންވެސް އެކި ދާއިރާތަކުގެ މައުލޫމާތު ހޯދައި ހިއްސާކުރުމާއި އެކަން ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވެ އެވެ.

އެ ކަންކަމުގެ އިތުރުން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޒު ކުރުމުގެ މުއްދަތުގައި ގައިދީން މުޖުތަމައުން ބަލައިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށާއި މުޖުތަމައަށް އަލުން ގުޅިގެން ދިއުމަށް މުޖުތަމައުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް ކަރެކްޝަންސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *