މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓަށް ކުރި ދައުވާގައި ނަގައިދިނުމަށް އެދިފައިވާ 2.5 މިލިޔަން ޑޮލަރަކީ މީލިއަމުން ދައްކަންޖެހޭ އެއްޗެއްނޫން ކަމަށް ހައިކޯޓުންވެސް ހުކުމް ކޮށްފިއެވެ.
މިއީ އެމްއެމްޕީއާރްސީ އާއެކު ހަދާފައިވާ ދެ އެއްބަސްވުމެއްގެ ދަށުން މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓަށް ދޫކޮށްފައިވާ ޑޮލަރު ލިބިފައިނުވާ ކަމަށްބުނެ އެ ފައިސާ ހޯދުމަށް މިލީނިއަމްގެ މައްޗަށް އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.
މި ދައުވާގައި އެމްއެމްޕިއާރުސީން ބުނެފައި ވަނީ، ދެ އެއްބަސްވުމެއްގެ ދަށުން މިލީނިއަމްއަށް ފަސް މިލިޔަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ހެދި ޕޭމަންޓް ވައުޗާ އަކުން އަނބުރާ ދައްކާގ ޮތަށް އިތުރު 1.5 މިލިޔަން ޑޮލަރާއެކު ޖުމްލަ 6.5 މިލިޔަން ޑޮލަރު އެ ކުންފުންނަށް ދޫކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެ ފައިސާގެ ތެރެއިން 2.5 މިލިޔަން ޑޮލަރު އަނބުރާ ދައްކާފައިނުވާ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. އެހެން ކަމުން މި ދައުވާ ކޮށްފައި ވަނީ މިލީނިއަމުން ދައްކާފައިނުވާ ކަމަށްބުނާ 2.5 މިލިޔަން ޑޮލަރު މިލީނިއަމްގެ ފަރާތުން އެކީ އެއްފަހަރާ ހޯދައި ދިނުމަށް އެދިއެވެ.
ސިވިލްކޯޓުން ބުނެފައި ވަނީ، މިލީނިއަމްއަށް ފަސް މިލިޔަން ޑޮލަރު ދޫކުރި ކަމަށް ބުނެ އެމްއެމްޕީއާރުސީން ހުށަހަޅާފައިވާ ދެ އެއްބަސްވުމަކީ މިލީނިއަމްގެ ފަރާތުން ސޮއި ކޮށްފައިވާ ދެ ލިއުން ނޫން ކަމަށް ބުނެ އެ ދެ ލިއުމަށް އެފަރާތުން އިންކާރު ކޮށްފައިވާއިރު، އެ ދެ ލިޔުމުގައި ސޮއި ކުރި ފަރާތުގެ އިނގިލީގެ ނިޝާން ނުވަތަ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން އެ ލިޔުން ތަކުގައި ސޮއި ކޮށްފައިވާކަން ރަމްޒުކޮށްދޭ އެ ކުންފުނީގެ ސިއްކަވެސް ޖަހާފައިނެތް ކަމަށެވެ.
އެހެން ކަމުން އެ ދެ ލިޔުމަކީ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން ސޮއި ކޮށްފައިވާ ސައްހަ ލިޔުން ތަކެއްކަން ނުވަތަ އެ ދެ ލިޔުމުގައި ބަޔާން ވެގެންވާ ފައިސާ އެ ކުންފުންޏާ ހަވާލު ކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ދެއްކިފައި ނުވާކަމަށް ސިވިލް ކޯޓުން ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީއިން އަނބުރާ ދައްކާ ގޮތަށް މިލީނިއަމް ކެޕިޓަލަށް ވަކިން 1.5 މިލިޔަން ޑޮލަރު ދީފައިވާ ކަމަށް ބުނެ އެކަން ސާބިތު ކުރުމަށް ހުށަހަޅާފައިވާ އެމްއެމްޕީއާރުސީގެ ޕޭމަންޓް ވައުޗާގައި މިލީނިއަމްގެ ފަރާތުން ފައިސާ ލިބުނުކަމަށް ސޮއިކޮށް ކުންފުނީގެ ސިއްކަ ޖަހާފައިވާކަން އެނގެން އޮންނަ ކަމަށް ވަނީ ބުނެފައިެވެ. އަދި އެ ފައިސާ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓާއި ހަވާލު ކޮށްފައިވާކަން އެ ވައުޗަރުން އެނގެން އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.
ނަަމަވެސް އެ ފައިސާ ހަވާލު ކޮށްފައިވާކަން އެނގެން އޮންނަނީ 15 އޮކްޓޫބަރު 2014 ގައި ކަމަށާއި، އެ ތާރީޚުގެ ފަހުން، 25 ނޮވެމްބަރު 2014 ވަނަ ދުވަހު މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން އެމްއެމްޕީއާރުސީއަށް ދެ މިލިޔަން ޑޮލަރު ދައްކާފައިވާކަން އެމްއެމްޕީއާރުސީއިން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުން ތަކުން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.
އެހެން ކަމުން އެމްއެމްޕީއާރުސީން މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓަށް ދީފައިވާ ފައިސާއަށްވުރެ އެ ފަރާތުން އެމްއެމްޕީއާރުސީއަށް އަނބުރާ ދައްކާފައިވާ ފައިސާގެ މިންވަރު އިތުރު ވެފައިވާކަން އެނގޭތީ، ދައުވާގައި އެމްއެމްޕީއާރުސީން ހޯދުމަށް އެދިފައިވާ ފައިސާއަކީ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްއިން އެމްއެމްޕީއާރުސީއަށް ދައްކަން ޖެހި ނުދައްކާ ވާ ފައިސާއެއްކަން ސާބިތު ނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ސިވިލްކޯޓުން ހުކުމް ކޮށްފައި ވަނީ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓުން އެ ފައިސާ ނަގައިދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ. ސިވިލްކޯޓުގެ ހުކުމާމެދު ހިތްހަމަ ނުޖެހިގެން އެމްއެމްޕީއާރުސީގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ 22 ސެޕްޓެމްބަރު 2019 ގައެވެ. އެފަރާތުން ހައިކޯޓުގައި އެދިފައި ވަނީ، ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް އެމްއެމްޕީއާރުސީން ހުށަހަޅާފައިވާ ގޮތަށް މައްސަލަ ނިންމައި ދިނުމަށެވެ.
މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ މި މައްސަލަގައި ހިނގާފައިވާ ކަންތައްތަކަށް ބަލާއިރު އެމްއެމްޕީއާރުސީން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބިނާކޮށް އެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރާނެ ތަނެއް ނެތް ކަމަށެވެ. އަދި އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވަން ޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ ކަމަށްވެސް އެ ހުކުމްގައިވެއެވެ.