އިންޑިޔާގެ ބޮޑުވަޒީރު ކަމުގެ ހުވާ މޯދީ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވަން ރައީސް ނިންމަވައިފި

އިންޑިޔާގެ ބޮޑުވަޒީރު ކަމުގެ ހުވާ މޯދީ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވަން ރައީސް ނިންމަވައިފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާ ކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިޔާގެ ބޮޑުވަޒީރު ދެއްވި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަބޫލުފުޅު ކުރައްވައިފިއެވެ.

މި ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު ދެއްވައި ފޮނުއްވި ސިޓީފުޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލު ކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލު ކުރެއްވުމުގައި އިންޑިއާ ސަފީރު ވަނީ އިންޑިޔާގެ ބޮޑުވަޒީރުގެ ހެޔޮއެދުންތައް ފޮނުއްވައި 3 ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވާކުރެއްވުމުގެ މުހިންމު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމަށް އިންޑިޔާގެ ބޮޑުވަޒީރު އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާގެ ބޮޑުވަޒީރު މަޤާމުގެ ހުވާ ކުރެއްވުމުގެ ތާރީޚީ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއްކަމުގައި ވިދާޅުވެ އެ ރަސްމިއްޔާތަށް ދަޢުވަތު އެރުވީތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ދެޤައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެޤައުމުގެ ގުޅުން ކުރިޔަށްދަނީ ރަނގަޅު މިސްރާބަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ސިޓީފުޅު އެމަނިކުފާނަށް ރައްދުކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިޔާ ސަފީރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *