ކުޑަ އިޤްތިސޯދެއް އޮތަސް އެއީ ބަލިފައި ކަމަށް ދެކިގެން ނުވާނެ: ރައީސް

ކުޑަ އިޤްތިސޯދެއް އޮތަސް އެއީ ބަލިފައި ކަމަށް ދެކިގެން ނުވާނެ: ރައީސް

ރާއްޖެ ކަހަލަ ކުޑަ އިގްތިސޯދެއް އޮންނަ ގައުމުތައް އަދި ރާއްޖެ ކަހަލަ ނާޒުކު ތިމާވެއްޓެއް އޮންނަ ގައުމު ތަކުގެ އެފަދަ ކަންކަމަކީ ބަލިފައި ދެކިގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހަތަރު ވަނަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޑްސް ކޮންފަރެންސް ބާއްވަމުން އަންނަތާ 30 އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް ސިޑްސްގެ ގައުމުތަކަށް އެކަށީގެންވާ ކުރިއެރުމެއް ހޯދިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފަގީރުކަން އަދިވެސް އެބައޮތް. މޫސުމީ ބަދަލުތައް ބޮޑު ބިރަކަށް ވަނީ ވެފައި. އަޅުގަނޑުމެންގެ ވެށި ދަނީ ހަލާކުވަމުން. ގައުމުތަކުގެ ބޭރުގެ ދަރަނި ދަނީ އިންތިހާ އަށް ބޮޑުވަމުން. އިންސާފެއް ނުލިބޭ. ހަމަހަމަ ކަމެއް ނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައަށް ބަރޯސާވުމުގެ ބަދަލުގައި ސިޑްސްގެ ގައުމުތަކުން އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަން އިސްކޮށް، ތަރައްގީ އަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ނާޒުކު ކަމަކީ އަޅުގަނޑުމެންގެ ބަލިފަޔަކަށް ވިޔަ ނުދެމާތޯ. އެއީ އަޅުގަނޑުމެން ހިތްވަރު ހޯދަންވީ ކަންކަން. އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ކަމުގެ ނިޝާނެއް،" ރައީސް ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ ނިޒާމުތަކަށް އަޅުގަނޑުމެން ކުރާ އިތުބާރާއި އުއްމީދުތައް ގެއްލެން ފަށައިފި." ރައީސް ވިދާޅުވިއެވެ.

ސިޑްސްގެ ގައުމުތަކަށް މާލީ އެހީތެރިކަން އިތުރުކޮށްދޭން ޖެހޭ ކަމަށާއި ލޯނު ދިނުމުގައި ލުއިގޮތްތައް ހަމަޖައްސައިދިނުމުގެ އިތުރުން އިގުތިސާދީ ލޮޅުންތައް އަންނަ ވަގުތު ތަކުގައި ރިޓްރެކްޓިވް ފައިނޭންސިން ހިމެނޭ ގޮތަށް އިތުރު އީޖާދީ ހައްލުތަކުގެ ނިޒާމެއް ގާއިމުކޮށް، ބައިނަލްއަގުވާމީ މުޖުތަމައުން ސިޑްސްގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *