80 މެންބަރުން ވޯޓުން މަޖިލީހުގެ ނާއިބު ރައީސް ކަމަށް ނާޒިމް އިންތިޚާބު ކޮށްފި

80 މެންބަރުން ވޯޓުން މަޖިލީހުގެ ނާއިބު ރައީސް ކަމަށް ނާޒިމް އިންތިޚާބު ކޮށްފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިހާބުކޮށްފިއެވެ.

ނައިބު ރައީސްގެ މަގާމަށް ނާޒިމް އިންތިހާބު ކުރީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 92 މެންބަރުންގެ ތެރެއިން 80 ވޯޓު ދެއްވައިގެންނެވެ. ނާޒިމްއާ ވާދަކުރެއްވި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަން ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާނޫނުއަސާސީގެ 82 ވަނަ މާއްސާގެ ދަށުން، މަޖިލިސް ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރުމަށް ނަގާ ސިއްރު ވޯޓު ގުނުމަށް ފާސްކުރަންޖެހޭ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީގައި ތިއްބަވާނެ މެންބަރުންގެ ނަން މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އެ ނަންތަކަށް ތާއީދު ކުރެއްވީ މެންބަރު ޝުޖާއުއެވެ.

ފަލާހު ހުށަހެޅުއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އާއި މާމިނގިލީ ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު، އެމްއެންޕީގެ ރައީސް އަހުމަދު ނާޒިމުގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *