އެދުރެއްގެ ގަލަމުން: ދިރާސީ އައު އަހަރާއެކު ދަރިވަރުންނަށް ނަސޭޙަތެއް!

އެދުރެއްގެ ގަލަމުން: ދިރާސީ އައު އަހަރާއެކު ދަރިވަރުންނަށް ނަސޭޙަތެއް!

(އެޑިޓަރުގެ ނޯޓް: މިއީ ދިރާސީ އައު އަހަރުގެ ކިޔެވުން ރާއްޖޭގައި މިއަދު ފެށުމާއި ގުޅިގެން، ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ "މާލެ ޓައިމްސް" ގައި ލިޔުއްވާފައިވާ ޢިލްމީ ލިޔުމެކެވެ. މިއީ ދަރިވަރުންނަށް ހުރި އަގުހުރި ނަސޭޙަތެކެވެ.)

މިއަދު މި ފެށޭ އައު ދިރާސީ އަހަރަށް އެންމެހާ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި މަދަރުސާ ތަކުގެ ވެރިންނާއި މުވައްޒަފުންނަށް މަރުޙަބާ ކިޔަމެވެ. އަދި އައު ދިރާސީ އަހަރެއް ފެށިގެން ދާއިރު ދަރިވަރުން ސަމާލުކަންދޭން މުހިއްމު 7 ކަމެއް މި ތާގައި ހިއްސާކޮށްލަން ގަސްތު ކުރަމެވެ.

1- ކަންކަން ހޯދައި ދެނެގަތުމަށް ޝައުގުވެރިވުން:

ފުރަތަމަ ކަމަކަށް، ދަރިވަރުންނަކީ އަބަދުވެސް ކަންކަން ހޯދައި، ދެނެގަންނަން ޝައުގުވެރިވާ ކުދިބަޔަކަށްވުން މުހިއްމެވެ. ތިމާގެ ޝައުގުވެރި ކަމަކީ އުނގެނުމަށް ރޯކުރެވޭ ހުޅުކޮޅެކެވެ. ދަރިވަރުންނަކީ ކަންކަމާގުޅޭ ސުވާލުތައް ގިނަގިނައިން ކުރާ ކުދިބަޔަކަށް ވާންވާނެއެވެ. އެއީ ޓެކްސްޓް ފޮތުގެ ބޭރުން، މުޤައްރަރުގެ ބޭރުން ވިޔަސްވެހެވެ. އުނގެނުމަކީ ހަމައެކަނި ކިލާހަށް ހަނި ކުރެވިފައިވާ ކަމެއް ނޫނެވެ. އެއީ މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދެމިގެންދާ ކަމެކެވެ.

2- އަމާޒެއް ކަނޑައަޅައި، އަމާޒަށް ވާސިލުވާން މަސައްކަތްކުރާ ކުއްޖަކަށްވުން:

ދެވަނަ ކަމަކަށް، ކޮންމެ ކުއްޖަކީވެސް އަމާޒެއް ކަނޑައަޅާ އެ އަމާޒަށް ވާސިލުވާން މަސައްކަތް ކުރާ ކުއްޖަކަށް ވާށެވެ. ދަރިވަރުގެ އަމާޒަކީ ފޭބި އަހަރު ދަށްވީ މާއްދާއިން މިއަހަރު މޮޅުވުން ކަމުގައި ވެދާނެއެވެ. ނުވަތަ އައު ކުޅިވަރެއް ކުޅެން ދަސްކުރުން ކަމުގައިވެސް ވެދާނެއެވެ. ނުވަތަ އައު ހުނަރު ތަކެއް ލިބިގަތުން ކަމުގައިވެސް ވެދާނެއެވެ. ދަރިވަރުގެ އަމާޒަކީ ކޮންމެ ކަމެއްކަމުގައި ވިޔަސް އެ އަމާޒު ސާފުވާން ވާނެއެވެ. އަދި ވާސިލު ވެވޭނެ ކުދި ކުދި ލަނޑުދަނޑި ތަކެއް ކަނޑައަޅައި، ނިހާއީ އަމާޒަށް ވާސިލުވުމަށް އެއްވާނެއްގައި މަސައްކަތް ކުރަންވާނެއެވެ. އަދި ހާސިލު ކުރެވޭ ކޮންމެ ލަނޑުދަނޑިއެއް ފާހަގަ ކުރުންވެސް މުހިއްމެވެ.

3- އެކުގައި ކިޔަވާ ދަރިވަރުންނާ ރަނގަޅު ގުޅުމެއް އުފެއްދުން:

ދަރިވަރުންނަށް މުހިއްމު ތިންވަނަ ކަމަކީ އެކުގައި ކިޔަވާ އެހެން ދަރިވަރުންނާއި ރަނގަޅު ގުޅުމެއް އުފެއްދުމެވެ. އެ ކުދިންނަކީ ހަމައެކަނި އެކުގައި ކިޔަވާ ކުދިންނެއް ނޫނެވެ. އެއީ ދަރިވަރުންގެ ރަޙުމަތްތެރިންނެވެ. ދަރިވަރުންގެ އުނގެނުމުގެ ބައިވެރިންނެވެ. އަދި ދަރިވަރަށް ހިތްވަރުދޭނެ އެހީގެ ވިއުގައެވެ. އެހެން ކަމުން އިސްނަގާ އެކުދިންނާއި ރައްޓެހިކަން ޤާއިމު ކުރާށެވެ. ކަންކަން ހިއްސާ ކުރާށެވެ. ކަންކަމާމެދު މަޝްވަރާ ކުރާށެވެ. އަދި މަޢުނަވީ ގުޅުންތައް ޤާއިމު ކުރާށެވެ. އުނގެނުމުގައި އިތުރު ބައިވެރިންގެ ހިއްސާ ލިބުމަކީ އުނގެނުން މުއްސަނދިވާ ކަމެކެވެ.

4- ކޮންމެ ދުވަހަކީ އައު ގޮންޖެހުންތަކާ ކުރިމަތިވާ ދުވަހެއް:

ހަތަރުވަނަ ކަމަކަށް، ދަރިވަރުން ވިސްނަންވީ މަދަރުސާގައި ހޭދަވާ ކޮންމެ ދުވަހަކީ އައު ގޮންޖެހުންތަކާއި ކުރިމަތިވާނެ ދުވަހެއްކަމެވެ. އޭގެން ކޮންމެ ގޮންޖެހުމަކީ ދަރިވަރުން ކުރިއަށްދާން އަޅާ ފިޔަވަޅަކަށް ހަދާށެވެ. ބައެއް ފަހަރަށް، ކިޔަވާ މަފްހޫމެއް އުނދަގޫ ވެދާނެއެވެ. އަނެއްބައި ފަހަރަށް ކުރަންޖެހޭ މަސައްކަތެއް ފަހުމު ނުވެދާނެއެވެ. މިފަދަ ކޮންމެ ހާލަތެއްގައި، އެނގޭ މީހެއް ކައިރީ އަހައިގެން އޮޅުން ފިލުވާށެވެ. ގިނަގިނައިން ފޮތް ކިޔުމާ ގާތްވާށެވެ. ކަންކަމާ ބެހޭ މަޢުލޫމާތު ހޯދުމަކީ އުފަލެއްކަމުގައި ދެކޭށެވެ. ފަހަތަށް ޖެހެންޖެހޭ ކޮންމެ ހާލަތަކީ އުނގެނުމުގެ މަރުހަލާގެ ބައެއްކަމުގައި ދެކޭށެވެ.

5- އަމިއްލަ ނަފުސަށް އަޅާލުން:

ދަރިވަރުން ސަމާލުކަންދޭން މުހިއްމު ފަސްވަނަ ކަމަކީ ސެލްފް ކެއަރ ނުވަތަ އަމިއްލަ ނަފްސަށް އަޅާލުމެވެ. ކިޔެވުމާއި، ރަށްޓެހިންނާއެކު ހޭދަކުރާ ވަގުތާއި އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށް ސަމާލުކަންދޭ މިންވަރު ބެލަންސް ކުރުމަކީ ފަހަރުގައި އުނދަގޫ ކަމަކަށް ވެދާނެއެވެ. މި ފަދަ ހާލަތް ތަކުގައި އަމިއްލަ ނަފްސަށް އަޅާލުން އެއީ މުހިއްމު ކަމަކަށް ހަދާށެވެ. ހަމަނިދި ހޯދުމާއި، ރަނގަޅަށް ކެއުމާއި، ކަސްރަތު ކުރުމާއި، އަރާމު ކުރަން ވަގުތު ޚާއްސަ ކުރާށެވެ. އެހެނީ ދުޅަހެޔޮ ސިނކުޑިއަކާއި ހަށިގަނޑެއް ލިބިފައިވާނަމަ، އުނގެނުމުގެ ލަނޑުދަނޑިތައް ހާސިލު ކުރަން ފަސޭހަވާނެެވެ.

6- ކުރިއެރުން ފާހަގަކުރާ ކުދި ބަޔަކަށްވުން:

ދަރިވަރުންނަށް މުހިއްމު ހަވަނަކަމަކަށް ފާހަގަ ކޮށްލާނީ ކޮންމެ ދަރިވަރަކީވެސް ކުރިއެރުންތައް ނުވަތަ ޕްރޮގްރެސްތައް ފާހަގަކުރާ ކުދިބަޔަކަށް ވުމެވެ. ބޮޑެތި ކާމިޔާބީތަކާއި އެއްގޮތަށް ކުދިކުދި ކުރިއެރުންތައްވެސް ފާހަގަ ކުރާށެވެ. އެއްކަލަ އުނދަގޫ ހިސާބު ފިލާވަޅު ދަސްވުމާއި، އެއްކަލަ ދިގު މަޒުމޫނު ފުރިހަމަ ކުރުންވެސް ފާހަގަ ކުރާށެވެ. މިކަންކަމަކީވެސް އުނގެނުމުގެ މަރުހަލާގައި މުހިއްމު ކަންކަމެވެ.

7- ބަދަލު ވަމުންދާ ދުނިޔެއަށް ވިސްނައި، ބަދަލު ތަކަށް ޝައުގުވެރިކަން ހުރުން:

ދަރިވަރުން ސަމާލު ކަންދޭންވީ ހަތްވަނަ ކަމަކަށް ފާހަގަ ކޮށްލާނީ އަބަދުވެސް ބަދަލުވަމުންދާ ދުނިޔެއާމެދު ވިސްނައި، އެބަދަލުތައް ދެނެގަތުމުގެ ޝައުޤު ހުރި ކުދިބަޔަކަށް ދަރިވަރުންވުމެވެ. ގިނަގިނައިން ފޮތްކިޔުމާއި، އެހެނިހެން ޤައުމުތަކާއި ސަޤާފަތްތަކާއި، ދުނިޔެއަށް އަންނަ ބަދަލުތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ހޯދާ ކުދިބަޔަކަށް ދަރިވަރުން ވާށެވެ. ތިމާގެ ވަށައިގެން ހިނގާ ކަންތައްތަކާމެދު ލޯ ހުޅުވޭ މިންވަރަކުން ތިމާގެ އުނގެނުމުގެ ދަތުރު މުއްސަނދިވެއެވެ. ހުރިހާ ކުދިންވެސް ހަނދާން ކުރަންވީ ކޮންމެ ދުވަހަކީ ތިމާއަށް އުނގެނެން، ކުރިއަރަން، އަދި ތިމާގެ ސަބަބުން އަނެކާއަށް ފައްސި އިހުސާސެއް ލިއްބައިދޭން ލިބޭ އައު ފުރުޞަތެއް ކަމެވެ.

މި ފެށުނު އައު ދިރާސީ އަހަރަކީ ހުރިހާ ދަރިވަރުންނަށްވެސް އުފާވެރިކަމާއި، ވިލުންވެރިކަމާއި އައު ތަޖުރިބާ ތަކެއް ލިބިގެންދާ، ކާމިޔާބު އަހަރެއް ކަމުގައި މިންވަރު ކުރައްވާށިއެވެ. އާމީން!

ހިޔާލުފާޅު ކުރައްވާ!

7 Responses

  1. މިހަލަ ލިޔުންތައް ގިނައިން ފެންނާނެ ކަމަށް އުންމީދު ކުރަން. އައިޝާ މީތި ގެނެސްދީފައިވާލެއްވެސް ވަރަށް ސަޅި. ކުރުކޮށް ފޮނިކޮށް، ދޭން ބޭނުންވާ މެސެޖު ވަރަށް ފުރިހަމައަށް ދީފައިވޭ. އިލްމީ މީހުންގެ ބޭނުން ހިފޭނެ ސިޔާސީ ނޫނަސް. މިއޮތީ އޭގެ ހެކި

  2. ކުދިންނޭ ކިޔާލަން ރަނގު ލިޔުމެއް. މިއަދާ ވަރަށް ގުޅޭ

  3. މިޒަމާނު މައިންބަފައިން ތިބެނީ ކުދިންނަށް ފޯނާ ޓެބުލެޓާ އައިޕެޑް ދީފ . ނިކަން އެކަމަކަށް ހޭލުންޔެރި ކޮށްބަލާ.. އެކަމަށް ވަރަށް ރަނގަޅު ރިޕޯޓެއް މި ނޫޖުގަ ޖަހާލަދީބަލާ

  4. މާދަން ބުނެފާނެ ބޮޑު ޗުއްޓީގަ ކަނޑު ގަދަވާތީ އަނެއްކާ ބޮޑު ޗުއްޓީ ޑިސެމްބަރަށް ލަނީޔޭ. އަދި ޔަގީނެއްނޫން ބޮޑު ޗުއްޓީއެއް. ދިރާސީ އަހަރު އަލުން ފަށަން ޖެހިދާނެތީ ޗުއްޓީގަ އައިގޮތަށް ރަށަށް ނުގޮސް މަޑުކޮށްގެން ހުންނަންވީ ތޯއްޗެއްދޯ

    1. ރަށު ބޯޓު ފުރައިފި މާޖީ. ރާއްޖެތެރޭ މީހުން ޗުއްޓީ ވާއިރަށް މާލެ އަރަނީ ކީއްކުރަން. ކނޑުު ގަދާވާނެކަމަށް ގޮވާއިރުުވެސް

  5. ކުރިޔަކުން ހިޔެއް ނުކުރަން އައިޝް ދިވެހި ބަހުން މިހާ ހިތްގައިމުކޮށް ފަށުވިކޮށް ލިޔަން އެހާމޮޅުވާނެ ކަމަކަށް. ހީކުރީ އިނހިރޭސި ބަހަށް ފަރިތަވެ ދިވެހި ބަހުން ލިޔަން ކޮށިވާނެ ކަމަށް. މުޅި އާޓިކަލް ކިޔާހިތުން ކިޔާލެވިއްޖެ. ގެނެސްފަ ހުރި ގޮތް ވަރަށް މޮޅު. މައުލޫމާތުވެސް ވަރަށް ފުރިހަމަ

  6. ދަރިން ހަލާކު ކުރަނީވެސް މައިންބަފައިން. ދަރިން ރަނގަޅު ކުރަނީވެސް މައިންބަފައިން. މުދައްރިސުންވެސް މިހާރަކު ކުރިން އުޅުނު ކަހަލަ ކުދިންނަށް ވިސްނާ މުދައްރިސުންނެއް ނޫޅޭ. ރުފިޔާއަށް އުޅޭ މުދައްރިސުން ގިނައީ. ކުދިން ކްލާހުގަ ކޮންމެ ގޮތަކަށް އުޅުނަސް ވަރިހަމަ މުދައްރިސުން ވަރަށްގިނަ މިހާރު. ކުރިން ނަމަ ނިމުނީ. ލަޓިބުރިންވެސް ކުދިން މައިތިރި ކުރާނެ. އެހެން ބުނީމަ ކުދިން ގައިގަ ތަޅަން ލަޓިބުރި ހޯދާނީކީނޫން. ބޯ އިންނަނީ ކަމަކު. އެއީ ހަމައެކަނި ތާކިހާ އަޅާފަ ބުރުގާ އަޅަން އިންނަ އެއްޗެއްނޫން

Leave a Reply

Your email address will not be published. Required fields are marked *