އަލްޓެކަށް 744،317 ރުފިޔާ ދައްކަން ފެނަކައިގެ ހުކުމް ކޮށްފި

އަލްޓެކަށް 744،317 ރުފިޔާ ދައްކަން ފެނަކައިގެ ހުކުމް ކޮށްފި

އަލްޓެކް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ފޯރުކޮށް ދީފައިވާ ތަކެއްޗަށް ދައްކަން  ޖެހި ނުދައްކައި އޮތް، 744،317 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ އަލްޓެކް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ފެނަމަ ކޯޕަރޭޝަން ލިމިޓެޑަށް ފޯރުކޮށްދީފައިވާ ތަކެއްޗަށް ދައްކަންޖެހޭ ފައިސާ އާއި، އެފައިސާ ދެއްކުން ލަސްވުމުން ދައްކަންޖެހޭ ސާޗާޖާއި، އަދި މި ފައިސާ ހޯދުމަށް މައްސަލަ ކޯޓަށް ހުށަހަޅަން ޖެހުމުން ވަކީލުންނަށް ޚަރަދު ކުރަން ޖެހުނު ފައިސާ ހޯދުމަށް އެދި އަލްޓެކްގެ ފަރާތުން ފެނަކައިގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކެވެ.

މި ދައުވާއާއި ގުޅިގެން ފެނަކައިން ބުނެފައި ވަނީ އެ ދައުވާގެ އެއްބަޔަށް އެއްބަސްވާ ކަމަށެވެ. އެގޮތުން އަލްޓެކް އިން ހޯދުމަށް އެދިފައިވާ 748،734 ރުފިޔާގެ ތެރެއިން 29،416 ރުފިޔާ ދައްކާފައިވާ ކަމަށާއި، އެހެން ކަމުން އެފައިސާ އުނިކޮށް 719،317 އަކީ އެތަނުނ ނެގި މުދަކުގެ އަގަށް ނުދައްކައި އޮތް ފައިސާ ކަމާމެދު އެއްބަސްވާ ކަމަށްވެސް ވަނީ ބުނެފައެވެ. ފެނަކައިގެ އެ ހުށަހެޅުމަށް އަލްޓެކުން ވަނީ އެއްބަސްވެފައެވެ.

ނަމަވެސް އެ ފައިސާ ނުދައްކައިގެން ލިބުނު ގެއްލުމަށް ސާޗާޖުގެ ގޮތުގައި 6.4 މިލިޔަން ހޯދުމަށާއި، އެ މައްސަަލަ ކޯޓަށް ހުށަހަޅަން ޖެހުމުން ޝަރީއަތުގެ ޚަރަދުގެ ގޮތުގައި 25،000 ރުފިޔާ ހޯދުމަށްވެސް އަލްޓެކުން ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައިވާ އެއްބަސް ވުމުގައި ސާޗާޖުގެ ވާހަކަ ނެތުމާއި އެހެން ބައެއް ސަބަބުތައް ހުރުމުން ސާޗާޖުގެ ގޮތުގައި ނަގައި ދިނުމަށް އެސިފައިވާ 6.4 މިލިޔަން ރުފިޔާ އަކީ ނަގައިދެވޭނެ އެއްޗެއް ނޫން ކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.

ނަމަވެސް ކޯޓުގެ ހަރަދުގެ ގޮތުގައި ނަގައި ދިނުމަށް އެދުނު 25،000 ރުފިޔާ އާއި އެ ކުންފުންޏަށް ދައްކަން ޖެހި ނުދައްކައި އޮތް 719،317 ރުފިޔާއާއެކު ޖުމްލަ 744،317 ރުފިޔާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އަލްޓެކަށް ދެއްކުމަށް ކޯޓުން ވަނީ ފެނަކައިގެ މައްޗަށް ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *