ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ވިސްނުން ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ، މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާގައި ފަހު ވާހަކަ ކޮޅު ދެއްކުމަށްޓަކައި މެންބަރުންނަށް ދެއްވި ފުރުސަތުގެ ތެރެއިން ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، މަޖިލީހުގެ ދައުރު ނިންމާލައްވަނީ ތިން ދައުރު، ޖުމްލަ 15 އަހަރު މަޖިލިސް މެންބަރެއްގެ ގޮތުގައި ޚިދުމަތް ކޮށްދެއްވުމަށް ފަހުގައި ކަމަށާއި، އެފުރުސަދު ދެއްވިކަމަށްޓަކައި، މަޖިލީހުގައި ތަމްސީލް ކޮށްދިނުމުގެ ފުރުޞަތު ދެއްވި، ތުލުސްދޫ ދާއިރާ އާއި އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންނަަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ އެބޭފުޅުން ހަވާލު ކުރެއްވި މަސައްކަތް އަމާނާތްތެރި ކަމާއެކު 15 އަހަރު ދުވަހު ކުރެވިއްޖެ ކަމަށް، އަޅުގަނޑުގެ ގޮނޑި ނީލަމުގައި އިން އެންމެ ދުވަހެއްވެސް ނުދާނެ. 15 އަހަރު ދުވަސް ނިންމާފައި އަޅުގަނޑު މިތަނުން މިދަނީ ވަރަށްބޮޑު ހިތްހަމަޖެހުމަކާ އެކީގަ. އެއީ އަޅުގަނޑުގެ ޕާޓީގެ ތެރޭގެ ވޯޓެއްވެސް، މަޖިލިސް ގޮނޑީގަ އިނދެގެން ލީ ވޯޓެއްވެސް، އަދި އަޅުގަނޑުގެ ގައުމީ ފެންވަރުގެ އިންތިޚާބެއްގައި ލީ ވޯޓެއްވެސް، ފައިސާއަށް ދޫކޮށްލާފައެއް ނޯންނާނެ. މި ހިތްހަމަ ޖެހުމާއެކީ ވަކިވެގެން މިދަނީ،" ރޮޒައިނާ ވިދާޅުވިއެވެ.

މަޖިލިސް ތަޅުމުގެ އިތުރުން 19 ވަނަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރުގެ ގޮތުގައި ވެސް ރޮޒެއިނާ ވަނީ މުހިއްމު މަސައްކަތް ތަކެއް ކޮށްދެއްވާފައެވެ.
ރޮޒެއިނާ ވިދާޅުވީ، މަޖިލީހުގެ މަސައްކަތް ތަކުގެ ތެރެއިން، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލާއި، ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމުގެ ބިލާއި، ކުޑަކުދިންގެ ހައްޤު ތަކުގެ ޤާނޫނާއި، ސިވިލްސާރވިސް މުވައްޒަފުންގެ ޚިދުމަތް 60 އަހަރާއި ހަމައަށް ގެންދެވޭނެ ގޮތް ހެދުމާއި، ކުޑަކުދިންނަށްދޭ ޚަރަދު އިތުރު ކުރުމަށް ކުރި މަސައްކަތް ތަކަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާ މަސައްކަތް ތަކެއް ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ، މަޖިލީހުގައި މަސައްކަތް ކުރުމަކީ އަންހެނަކަށް ފަސޭހަ މެއްނޫން ކަމަށެވެ.
"މަޖިލިސް ތަޅުމުގައިވެސް ވަރަށްގިނަ ކަންތައްތައް ދިމާވި، އޭގެ އިތުރުން ސޯޝަލް މީޑިޔާ އާއި އެކި ގޮތް ގޮތުން ވަރަށްގިނަ ފުރައްސާރަތަކާ ކުރިމަތިލާން ޖެހުނު، އެކަންތައް ތަކުގެ ތެރޭގައި އަޅުގަނޑުގެ އާއިލާ އާއި ރައްޓެހިންނާއި މަޖިލީހުގައި އަޅުގަނޑާއެކީ މަސައްކަތް ކުރި ކޮލީގުން އަޅުގަނޑަށް ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން، އެސަޕޯޓް ނުދިންނަމަ، މިހިސާބަށް އައިއިރު އަޅުގަނޑު ހުންނާނީ ވަރަށް ބަލިވެ، ވަަރަށް ހިތްވަރު އެލިފަ، އެހެން ނަމަވެސް އެކަން އެހެނެއްނުވޭ. މިއަދުވެސް މިތަނުން ނިކުމެގެން މިދަނީ ހިތްވަރާއި ފޯރި އާއި ޖޯޝާ އެކީގަ. އެހެންވީމާ އަޅުގަނޑުގެ އެދުމަކީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިން އަންހެން ބޭފުޅުން ތިބަވާއިރު، އެ ތިން އަންހެން ބޭފުޅުންނާއެކީ، ފިރިހެން ބޭފުޅުންގެ ހިތްވަރާ އެއްބާރުލުން ލިބުން ރަނގަޅު މަސައްކަތް ކުރުމުގައި އެހީތެރި ވެދެއްވުން،" ރޮޒައިނާ ވިދާޅުވިއެވެ.