މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ޖިންސީ ކުށުގެ މައްސަލަތައް 2،000 އަށް ވުރެ އިތުރު ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން އެއްކުރި މައުލޫމާތު ތަކުން އެނގިއްޖެއެެވެ.
ޖިންސީ ކުށުގެ ތަފާސް ހިސާބުތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އިން އެއްކުރީ ޖިންސީ ގޯނާ ކުރުމާއި ރޭޕްގެ މައްސަލަތައް އިތުުރުވެފައި ވާތީ ކަންބޮޑުވުން ފާޅު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު (މިހާރުގެ ލާމަރުކަޒީ މިނިސްޓަރު) އާދަމް ޝަރީފު 2021 ވަނަ އަހަރު ހުށަހެޅުއްވި ޤަރާރަކާ ގުޅިގެންނެވެ.
އެ ޤަރާރު ދިރާސާ ކުރުުމުގެ ތެރޭގައި އެއްކުރި މައުލޫމާތު ހިމަނައިގެން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ މިއަދު ކުރިއަށްދާ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާގައެވެ.
ކަމާ ބެހޭ ހުރިހާ އިދާރާއެއްގެ އިސް އޮފިޝަލުންނާ ސުވާލުކޮށް، މައުލޫމާތު އެއްކޮށްގެން އެކުލަވާލި އެ ރިޕޯޓްގައިވާ ގޮތުން މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި، ޖިންސީ ކުށުގެ މައްސަަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ 2020 ވަނަ އަހަރުއެވެ.
އެ އަހަރު 487 މައްސަލަ ހުށަހެޅިއެެވެ. އަދި އެ ފަދަ މައްސަލަތައް ހުށަހެޅި އަދަދު އެންމެ މަތީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ހުށަހެޅީ އެފަދަ 234 މައްސަލައެވެ.
ޖިންސީ ކުށުގެ މައްސަލަތައް އެކި އަހަރު ތަކުގައި ހުށަހެޅި އަދަދުތައް:
2018: 362 މައްސަލަ
2019: 410 މައްސަލަ
2020: 487 މައްސަލަ
2021: 342 މައްސަލަ
2022: 334 މައްސަލަ
2023: 234 މައްސަލަ
ޖުމްލަ: 2،169 މައްސަލަ
މަޖިލީހުން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި ޖިންސީ ކުށުގެ މައްސަލަތައް ފުލުހުންގެ އިދާރާއަށް މިއަދަދަށް ހުށަހެޅި ނަމަވެސް 2018 ވަނަ އަަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅާފައި ވަނީ އެންމެ 47 މައްސަލަ އެކެވެ.
އޭގެތެރެއިން ސާބިތުވީ އެންމެ 10 މައްސަލައެވެ. ސާބިތު ނުވާ ކަމަށް ކޯޓުގައި ނިމުނު މައްސަލައިގެ އަދަދަކީ 8 އެވެ. އެއް މައްސަލައިގެ ދައުވާ ފޯމް ބާތިލު ކުރިއިރު، އެހެން މައްސަލަތައް އަދިވެސް ހުރީ ކޯޓު މަރުހަލާގައެވެ.