މިދިޔަ މަޖިލިސް އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެ އަތޮޅު ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ނޭންގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޯސްފިއެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރު ފުޅުގައި އެ އަތޮޅު ކެނދިކުޅުދުއަށް ވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.
އެމަނިކުފާނުގެ ދަތުރުފުޅާ ގުޅިގެން ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ވަޑައިގެން ބޭއްވި ޖަލްސާގެ ވަކި ހިސާބަކުން ރައީސްއާއި ވަޒީރުންގެ ވާހަކަފުޅުގެ މިސްރާބު ސިޔާސީ ޕޯޑިއަމެއްގައި ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ދެއްކެވި ވާހަކަފުޅަކަށް ބަދަލުވެފައިވާ ކަމަށެވެ.
"އެ ހަފުލާގެ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މަގުސަދުގައި އިންތިޒާމު ކުރެވުނު ހަފުލާއަކަށް ބަދަލުވެގެން ދިޔަ ދިއުން، މި ކައުންސިލުގެ ފަރާތުން ކުށްވެރި ކުރަމެވެ. ކައުންސިލުން ދެކޭ ގޮތުގައި ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާ ތަކުގެ ނަހަމަ ބޭނުން ހިފައިގެން ހިންގޭ އެފަދަ އަމަލު ތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާ ތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫއަރާނެއެވެ،" ބަޔާނުގައިވެއެވެ.
ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ރައޫފް އެކަމާގުޅިގެން އޭރު ވިދާޅުވީ، އެ ބަޔާން ޖެހިގެން އައި ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ބާތިލުކުރަން އެލްޖީއޭގެ ލިޔުމަކުން އެ ކައުންސިލަށް އެންގި ކަމަށެވެ.
"އެލްޖީއޭ އިން ބުނީ ކައުންސިލް ތަކަށް އެގޮތަަށް ބަޔާން ނުނެރެވޭނެ ކަމަށް. އަދި ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ވިދާޅުވާ ކަންކަމަށް ކައުންސިލުން ފާޑުނުކިޔޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ކެނދިކުޅުދޫ ކައުންސިލުގެ ބަޔާން ބާތިލު ކުރަން އެލްޖީއޭއިން އެނގި މައްސަަލަ ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅުއްވީ، އެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އީސައެވެ.
އެކަމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް އެލްޖީއޭގެ އިސްބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލުވެސް ކޮށްފައެވެ.
އެ މައްސަލަ ބެލުމަށްފަހު ކޮމިޓީން އިއްޔެ ނިންމި ނިންމުމުގައި ވަނީ، ކެނދިކުޅޫއަށް ވަޑައިގެން ރަށު ކައުންސިލުން ޚަރަދު ކޮށްގެން އިންތިޒާމު ކުރި، ދައުލަތުގެ ރަސްމީ ހަފްލާއެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާށބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯއްދެވުުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވާފައި ވާތީ އެކަން ކުށްވެރިކޮށް، އެފަދަ ކަންކަން ތަކުރާރު ނުކުރެއްވުމަށް އިލްތިމާސްކޮށް، ކެނދިކުޅުދޫ ކައުންސިލް އިދާރާއިން ނެރެފައިވާ ނޫސްބަޔާން ބާތިލް ކުރުމަށް އެންޖީއޭއިން އެ ކައުންސިލަށް އެންގިދާނެ ކަމަށް ނުފެންނަ ކަމަށެވެ.
މި މައްސަލައިގެ ކޮމިޓީ ރިޕޯޓު ދެން ކޮމިޓީން ފޮނުވާނީ މަޖިލިސް ތަޅުމަށެވެ. އެކަމަށް ގޮތެއް ނިންމުމަށް މަޖިލިސް ތަޅުމުގައި ވޯޓަށް އަހާނެއެވެ.