ސައޫދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ނ. ހޮޅުދޫ، އުފަންވެލި މުހައްމަދު ތޯހާ އައްޔަން ކުރުމަށާއި، ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަަމަށް މ. ފަށަލަ/ ޑރ. ފަޒީލް ނަޖީބު އަދި ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ސ. ހުޅުދޫ/ އަސާރީގެ، ޝިއުނީން ރަޝީދު އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސް ކޮށްފިއެވެ.
މި ތިން ބޭފުޅުން އެ ގައުމު ތަކުގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، އެ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވައިގެން ވަނީ ދިރާސާ ކޮށްފައެވެ.
އެކޮމިޓީ އިން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓުގައިވެސް ވަނީ އެ ތިން ބޭފުޅުނަށް މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ފާސް ކޮށްފައެވެ. އެހެން ކަމުން އެ ތިން ބޭފުޅުންނަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުން އެ ތިން ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ވަނީ ފާސް ކޮށްފައެވެ.
މީގެކުރިންވެސް ޑރ. ފަޒީލް ވަނީ އެކި ސަރުކާރުތަކުގެ އިސް މަގާމުތައް ފުރުއްވައިފައެވެ. އޭގެތެރޭގައި އެމްއެމްއޭގެ ގަވަރުނަރު ކަމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ހިމެނެއެވެ. އަދި އިނގިރޭސި ވިލާތުން އިންޓަ ނޭޝަނަލް ބިޒްނަސް ލޯ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ޑރ. ފަޒީލް ވަނީ 1987 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ޓްރޭޑް މިނިސްޓްރީގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައެވެ.
ޝިއުނީންވެސް މީގެކުރިން ވަނީ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވާފައެވެ. އެގޮތުން ފޮރިން މިނިސްޓްރީގެ އެކިއެކި މަގާމުތައް ފުރުއްވާފައިވެއެވެ.
މުހައްމަދު ތޯހާ އަކީ މަދީނާ އިސްލާމިކް ޔުނިވަސިޓީ ފެކަލްޓީ އޮފް ޝަރީއާ އިން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޤާނޫނީ ދާއިރާއިން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ފުރިހަމަ ކުރެއްވި އެވެ.