ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ

ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ

މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 23 ވާ އަންގާރަ ދުވަހު ހުޅުއްވައިލައްވާ ގޮތަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ މިހާރު އިނާމު ދެއްވަމުން ގެންދަވާ ދާއިރާތަކާއި ރޮނގުތަކާ ބެހޭގޮތުން ކަމާބެހޭ ވުޒާރާތަކުގެ ޚިޔާލު ހޯއްދަވާފައެވެ.

މިގޮތުން، ޤައުމީ އިނާމު ދެވޭ ދާއިރާ ތަކުގެ ތެރެއަށް މި އަހަރު ވަނީ ދެ ދާއިރާއެއް އިތުރު ކުރައްވާފައެވެ. އެއް ދާއިރާއަކީ، ދިވެހި ޤައުމިއްޔަތުގެ ދާއިރާއެވެ. ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގު ތަކުގެ ތެރޭގައި، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން "އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް" ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމާއި، ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން ޢިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ވެހިކުރުން ހިމެނެއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީން އިތުރު ކުރައްވާފައިވާ އަނެއް ދާއިރާއަކީ، ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައި ވަނީ އެ މީހަކަށް ލިބިފައިވާ ޚާއްޞަ ހުނަރެއް ބޭނުންކޮށްގެން، ޒަމާން ތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމަޢުން ބަލައިގެންފައިވާ ޚާއްޞަ ޚިދުމަތަށާއި، ދިވެހި ދައުލަތުގެ ޙިމާޔަތުގައި ކޮށްފައިވާ ޚާއްޞަ ޚިދުމަތަށެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ، ޚިދުމަތްކޮށްދީފައިވާ ގޮތަށާއި، ފެންވަރަށާއި، ދެމިހުންނަނިވި މިންވަރަށެވެ.

ޤައުމީ އިނާމުގެ ގޮތުގައި ދެއްވުމަށް ހަމަޖެހިފައި ވަނީ ޝަރަފުވެރި ކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.

ޤައުމީ އިނާމު މި އަހަރުވެސް ދެއްވާނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *