މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހިންގަމުން އައި ތަރައްގީގެ ޕްރޮޖެކްޓްތަކުގެ ތެރެއިން، މި ސަރުކާރުން 1700 ޕްރޮޖެކްޓް ހުއްޓާލާފައިވާ ކަމަށާއި، މިހާރު މިއޮތީ ބުރަކި ޖެހިފައި ކަމަށާއި، އެ ބުރަކި ނައްޓާލަން އެބަޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޚާއްސަ އެޑްވައިޒަރު އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީ ފޭދޫ އުތުރު ދާއިރާ އާއި ފޭދޫ ދެކުނު ދާއިރާގެ އިތުރުން މަރަދޫ ދާއިރާއަށް އެމްޑީީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު އިސްކަން ދެއްވީ ރާއްޖޭގެ ހުރިހާ ރަށަކަށް ތަރައްގީގެ ޕްރޮޖެކްޓްތައް ގެންދެވޭތޯ ކަމަށެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި އުފެދުނު އެއްވެސް ސަރުކާރަކުން ރާއްޖޭގެ ތަރައްގީއަށް ނުކުރާވަރުގެ ބޮޑު ހޭދައެއް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
"ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުން ގާތްގަނޑަކަށް 36 ބިލިޔަން ރުފިޔާ ވާނީ ހޭދަކޮށްފަ. އެއީ މިހާތަނަށް އެއްވެސް ސަރުކާރަކުން ރާއްޖޭގެ ތަރައްގީއަށްޓަކައި ނުކުރާވަރުގެ ބޮޑު ހޭދައެއް. އެއީ ރާއްޖޭގެ އިގްތިސޯދަށް، އަޅުގަނޑުމެންގެ އިގްތިސޯދު ކުރިއެރުމަށް ކުރި މަސައްކަތް، ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު، ބަނދަރުތައް ހެދުން، އާރުޓީއެލް ފެރީގެ ނިޒާމުގެ ސަބަބުން އިގްތިސޯދީ އެތައް ފައިދާއެއް ރަށްރަށަށް ކުރާނެ" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ތަރައްގީގެ ޕްރޮޖެކްޓްތައް މި ސަރުކާރުން ހުއްޓާލައި، ބުރަކި ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.
"ހިތާމައަކީ މިއަދު މިހިސާބަށް އައިރުގައި ސަތާރަ ސަތޭކަ ޕްރޮޖެކްޓް ވަނީ ހުއްޓާލާފައި. ބުރަކި ޖެހިފައި. އެ ބުރަކި އެބަޖެހޭ ނައްޓާލަން. މިވަގުތު އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑުމެންނަށް މި ބޭނުން ވަނީ" އިބޫ ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި އޮތް މި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ހައްދަވަމުން ގެންދެވި ދޮގާއި އޮޅުވާލުމުގައި، ރައްޔިތުންގެ ތެރެއިން ބަޔަކަށް އެކަން ގަބޫލު ކުރެވި މިވަނީ ގޯހެއް ހެދިފައި ކަމަށް މިހާރު އެފަރާތްތަކުންވެސް ގަބޫލު ކުރާ ކަމަށެވެ.
"މިއަދު މިއޮތީ އެކަން އިސްލާހު ކުރަންޖެހިފައި. މި ގޯސް ރަނގަޅު ކުރަން އެބަޖެހޭ. އެކަން މިއަދު ކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އަޅުގަނޑުމެން މި ބޭނުން ވަނީ އެ ސަބަބަށްޓަކައި" އިބޫ ވިދާޅުވިއެވެ.
އިބޫގެ ވާހަކައިގައި އައްޑޫ ސިޓީގެ ތަރައްގީއަށް އެމްޑީީގެ ސަރުކާރުން ފެށި މަޝްރޫއުތަކާއި، އައްޑޫ ސިޓީގައި ހުރި ޕޮލިސް އިމާރާތުގައި ހަތިޔާރާއެކު އިންޑިޔާ ސިފައިން ތިބި ކަމަށް އޭރު އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކައަށްވެސް އަލިއަޅުވާލެއްވިއެވެ.