ކެންޑިޑޭޓުންނަށް މަސްދަޅު ދިނުން: އެއީ މިފްކޯގެ އުފެއްދުންތައް ޕްރޮމޯޓް ކުރަން ކުރިކަމެއް

ކެންޑިޑޭޓުންނަށް މަސްދަޅު ދިނުން: އެއީ މިފްކޯގެ އުފެއްދުންތައް ޕްރޮމޯޓް ކުރަން ކުރިކަމެއް

ސަރުކާރަށް ނިސްބަތްވާ މައި ޕާޓީ ޕީއެންސީ އިން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަދިޔާގެ ގޮތުގައި މިފްކޯއިން މަސް ދަޅުދީ، އެކުންފުނީގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދާއެކު ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާއްމު ކުރިއިރު، އެއީ މިފްކޯގެ އުފެއްދުންތައް ޕްރޮމޯޓް ކުރަން ކުރި ކަމެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވަކި ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓުން ތަކަކަށް މިފްކޯގެ ސީއީއޯ މަސްދަޅު ބެއްސެވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެެސްއޯއީ ކޮމިޓީ) އަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ރަޝީދު (ބޮނޑޭ) އެވެ.

އެ މައްސަލައާއި ގުޅިގެން މިފްކޯގެ އިސް ބޭފުޅުންނާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރެޓޭޝަން ބޯޑް (ޕީސީބީ)ގެ ވެރިން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

މަސް ްދަޅު ބެހި މައްސަލައިގައި އެ ބޭފުޅުންނާ ސުވާލު ކުރައްވަމުން ބޮންޑޭ ވިދާޅުވީ، މިފްކޯ އަކީ ރައްޔިތުންގެ މަސް ކުންފުންޏެއް ކަމަށާއި، އެސްއޯއީ ކޮމިޓީއަކީ ރައްޔިރުންގެ ކުންފުނިތައް ހިނގާ ނުހިނގާ ގޮތް ބަލައި މޮނިޓަރ ކުރާ ކޮމިޓީ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު، ސަރުކާރު ކެންޑިޑޭޓުން ކަމަށްބުނެ ޕީއެންސީގެ ފަރާތުން އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މަސް ދަޅު ބަހަމުން މިފްކޯގެ ސީއީއޯ ޓްވީޓް ކުރައްްވާފައި ވާއިރު އެއީ ޑިމޮކްރަސީ މުގުރާލުމަށްޓަކައި ރައްޔިތުންގެ މަސް ކުންފުނިން ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުން ކަމަށްވެސް ބޮންޑާ ވިދާޅުވިއެވެ.

"މަޖިލީހަށް އިންތިޚާބު ކުރަނީ ރައްޔިތުންގެ މެންބަރު ސަރުކާރުގެ މެންބަރެއ ްނޫން. ސަރުކާރު ކިޔާ ޕާޓީއެއްވެސް ނޯންނާނެ، އެގޮތަށް ކަންތައް ކުރުމަކީ، އިންތިޚާބާބެހޭ ޤާނޫނުގައި މަނާ ކަމެއް، މިއީ ޖިނާއީ ކުށެއް، ކަރަޕްޝަނެއް. އެހެންވީމަ މިފަދަ ބޮޑު ކަރަޕްޝަނެއް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް ރައްޔިތުން އިންތިޚާބުކުރާ މެންބަރުންނަށް ނުފޫޒު ފޯރުވުމަކީ ބޮޑު ކުށެއް، ސުވާލަކީ މި ޓްވީޓް ކޮށްފައި ވަނީ ގަސްތުގައިތޯ، ނޭނގިތޯ، ކޮންބައެއްތޯ އެކަން ކުރީ، މިކަމުގައި ޒިންމާވަނީ ސީއީއޯތޯ، ކާކުތޯ، ކިހިނެއްތޯ މިކަންހިނގާފައި އޮތޯ،" ބޮނޑެ ވިދާޅުވިއެވެ.

ސުވާލު ތަކުގެ ޖަވާބުގައި އެ ކުންފުނީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ ވިދާޅުވީ އެއީ މިފްކޯގެ ފަރާތުން ދިން ހަދިޔާއެއް ކަމަށާއި، އެއީ މިފްކޯއަށް ޒިޔާރަތްކުރާ އިތްޒަތްތެެރިންނަށް ހަދިޔާ ދޭ ޢާއްމު އުސޫލުން ތިން ހަދިޔާއެއް ކަމަށެވެ.

އެކަމަކީ ކުންފުނީގެ މާކެޓިންގ ތެރެއިން ކުރާ ކަމެއް ކަމަށާއި، އެ ހަދިޔާ ފޮށީގައި ހިމެނެނީ މިފްކޯގެ އުފެއްދުންތައް ކަމަށާއި އެއީ މިފްކޯއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ކާޓެސީއެއްގެ ގޮތުގައި ހަވާލުކުރާ އެއްޗެއް ކަމަށްވެސް ވިދާޅުވިއެވެ.

އެ ހަދިޔާދޭ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކުރީ އެކަަމަށް ހާއްސަކޮށްފައި ތިބޭ މުވައްޒަފުން އަމިއްލައަށް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ދެން އެފަދަކަމެއް ނުވާނެ ގޮތަށް މިހާރު އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ ސަމާހު ވިދާޅުވީ މިފްކޯއިން ހަދިޔާ ދޭ ފޮޓޯތައް ޓްވީޓް ކުރާ ހިސާބަށް ދިޔައީ ބަލަންޖެހޭ ވަރަށް ނުބެލިގެން ކަމަށެވެ. އެއީ އެކަމަށް ހުއްދަ ލިބިގެން ކޮށްފައިވާ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެކަހަލަ ކަންކަން ނުހިނގާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *