އަލިފުށި ފެނަކަ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތުގެ އަގު ވެލްމޭންއަށް ދެއްކުމަށް ކޯޓުން ފެނަކައިގެ މައްޗަށް އަމުރުކޮށްފި
ރ. އަލިފުށި ފެނަކަ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތުގެ އަގު، ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައަކީ ވެލްމޭން އާއި ފެނަކައާ ދެމެދު ރ. އަލިފުށި ފެނަކަ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމާގުޅޭގޮތުން. ވެފައިވާ އެއްބަސްވުމުގެ މުއްދަތު 30 އޭޕްރީލް 2022 ގެ ނިޔަލަށް އިތުރުކޮށްދީ އެކަން އެންގުމުން އެ ތާރީހަކަށް މަސައްކަތް ނިންމުމަށް ވަރަށްބޮޑު ހަރަދެއްކޮށް، މަސައްކަތް ކުރިއަށް ގެންދަނިކޮށް، ވެލްމޭން މޯލްޑިވްސް ގެ ބަހެއްނެތި، ފެނަކައިން އެއްބަސްވުން އުވާލާފައިވާކަމަށްބުނެ ވެލްމޭންގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެފަރާތުން ބުނެފައި ވަނީ ފެނަކައިން އެއްބަސްވުމާ ހިލާފްވެފައިވާ ކަމަށެެވެ.
މި މައްސަލައިގައި ފެނަކައިން ބުނެފައި ވަނީ މި ދައުވާއަކީ އެއްބަސްވުމުގެ އުސޫލުތަކާހިލާފަށް، އެއްބަސްވުމުގެ ތަރަހައިން ބޭރުން، ނުހައްގު މާލީ މަންފާތަކެއް ހޯދުމަށް، އެއްވެސް އަސާސެއް ނެތި ހުށަހަޅާފައިވާ ދައުވާއަކަށްވާތީ، ފެނަކައިން ދައުވާއަށް ޒިންމާވާނެ އެއްވެސް ގާނޫނީ ހަމައެއް ނެތްކަމަށެވެ.
ދައުވާގައި ވެލްމޭންއިން އެދިފައި ވަނީ ފެނަކައިން އެއްބަސްވުމާ ހިލާފްވެފައިވާ ކަމަށް ކަނޑައަޅައި ވެލްމޭން އިން ކޮށްފައިވާ މަސައްކަތުގެ އަގު ނަގައިދީ، ފެނަކައިން އެއްބަސްވުމާ ހިލާފްވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
މިދައުވާގައި ވެލްމޭން މޯލްޑިވްސް އިން ބުނެފައި ވަނީ ނިމިފައިވާ މަސައްކަތަށް ޖުމްލަ 4.6 މިލިޔަން ލިބެންޖެހޭއިރު ލިބިފައި ވަނީ 3.5 މިލިޔަން ރުފިޔާ ކަމަށާއި، ބާކީ ނުލިބި އެއް މިލިޔަން ރުފިޔާ އެބައޮތް ކަމަށެވެ.
މި މައްސަލަ ބެލުމަށްފަހު، ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ، ވެލްމޭން އިން ކޮށްފައިވާ މަސައްކަތުގެ އަގަކީ ފެނަކައިން ދޭންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކުރި މަސައްކަތުގެ ފައިސާ ހޯދުމަށް ވެލްމޭންއިން ހުށަހަޅަންޖެހޭ ބިލްތައް 20 މާޗްގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަނަށް ހުށަހެޅުމަށް ވެލްމޭން އަށް އަންގާކަމަށްވެސް ހުކުމްގައިވެއެވެ. އަދި އެ ބިލުތައް ހުށަހަޅާ ތާރީހުންފެށިގެން 30 ދުވަހުގެ ތެރޭގައި މަސައްކަތުގެ އަގު ވެލްވޭޓަށް ދެއްކުމަށް ފެނަކަ ކޯޕަރޭޝަނަށް މި ހުކުމުން ވަނީ އަންގައިފައެވެ.