މަސްވެރިންނަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަން ހުށަހެޅި ޤަރާރު ކޮމިޓީއަށް

މަސްވެރިންނަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަން ހުށަހެޅި ޤަރާރު ކޮމިޓީއަށް

ދިވެހި މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެނަށް ބޭނުންވާ ޑޮލަރު ލިބޭނެ ފަސޭހަ ނިޒާމެއް މިފްކޯއިން ހަމަޖައްސައި ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރު މަޖިލީހުގެ އިޤްތިސޯދީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންއެވެ. މަސްވެރި ކަމުގެ ސިނާއަތަކީ ޒާމާނުއްސުރެ ރާއްޖެއަށް ބޭރު ފައިސާ ވަންނަމުންދާ މުހިންމު އެއް ސިނާއަތްކަން ފާހަގަކޮށް އެ ޤަރާރުގައި ވަނީ، މަސްވެރިންނަކީ ރެއާއި ދުވާލު 24 ގަޑިއިރު ކަނޑުމަތީގައި ރާއްޖޭގެ އިޤްތިސޯދު ކުރިއަރުވަން މަސައްކަތް ކުރަމުންދާ ބައެއް ކަމަށެވެ.

މިފްކޯގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީވެސް މަސްވެރިކަމުގެ ސިނާއަތަށް ހުއްޓުމެއް ނެތި 24 ގަޑިއިރު މި ސިނާއަތަށް ޤައުމީ ޚިދުމަތެއްގެ ގޮތުގައި ޚިދުމަތް ކުރަމުންދާ ބައެއް ކަމަށާއި މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ ދަރިން ރާއްޖެއިން ބޭރުން ތައުލީމު ހާސިލު ކުރުމަށާއި ބޭސްފަރުވާ އާއި ހައްޖުގެ އަޅުކަމާއި ޢުމްރާގެ އަޅުކަމާއި އެހެނިހެން ޒަރޫރީ ބޭނުން ތަކަށް ރާއްޖެއިން ބޭރުން ހޯދަންޖެހޭ ޚިދުމަތްތައް ހޯދުމަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ މަސްވެރިންނާއި އެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ވަރަށް މުހިންމު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މި ޤަރާރުގައި ސައުދު ގޮވާލައްވާފައި ވަނީ، މިފްކޯގެ މުވައްޒަފުންނަށް ދެވޭ މުސާރައިގެ 60 ޕަސެންޓް ޑޮލަރުން ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި މުވައްޒަފުންނާއި އެ މީހުންގެ ދަރިން ރާއްޖެއިން ބޭރުން ތައުލީމު ހާސިލު ކުރުމަށާއި ޙައްޖު އަދި ޢުމްރާއަށް ދިއުމަށް ބޭނުންވާ ޑޮލަރު ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމު މިފްކޯ މެދުވެރިކޮށް ހަމަޖެއްސުމަށެވެ.

މި ޤަރާރު މަޖިލީހަށް ބަަލއިގަނޭތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި އެ ޤަރާރު މަޖިލީހަށް ބަލައިގެންފައި ވަނީ ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެހެންކަމުން މި ޤަރާރު އިތުރަށް ދިރާސާ ކުރުމަށް މަޖިލިސް ރައީސް މުހައްމަދު އަސްލަމް މި ޤަރާރު މަޖިލީހުގެ އިޤްތިސޯދީ ކޮމިޓީއަށް ފޮނުއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *