ރޯދައިގެ ފަހުން މަޖިލިސް އިންތިޚާބު ބާއްވަން ފާސްކޮށްފި

ރޯދައިގެ ފަހުން މަޖިލިސް އިންތިޚާބު ބާއްވަން ފާސްކޮށްފި

އިދިކޮޅު އެމްޑީޕީގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވީ، އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއުއެވެ.

މަޖިލީހަށް ބިލު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، މިއީ މިހާރު ޤާނޫނު އޮތް ގޮތުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ ރަމަޞާން މަހާއި ދިމާވާތީ ކުރިމަތިވާނެ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ހުށަހެޅުއްވި ބިލެއް ކަމަށެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ހަމަޖައްސާފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބޭއްވުމަށެވެ. އެއީ ރަމަޞާން މަހުގެ ހަތްވަނަ ދުވަހެވެ.

ރޯދަމަހު އެވަރުގެ ބޮޑު އިންތިޚާބެއް ބާއްވައިފިނަމަ، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، ގިނަ ބަޔަކު ވޯޓުލުމަށް ނުނިކުމެދާނެ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އެކަމާއި ގުޅިގެން އީސީން ބުނީ ރޯދަ މަހުގެ ފަހަށް އިންތިޚާބު ފަސް ކުރެވޭނީ ޤާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ. އެހެންކަމުން ރޯދަމަހު އިންތިޚާބު ނުބޭއްވޭ ގޮތަށް އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ އެ ޤާނޫނުގެ 43 ވަނަ މާއްދާއަށެވެ.

އެ މާއްދާގެ (ހ) ގައި ބުނަނީ އިންތިހާބެއްގައި ވޯޓު ނަގާ ދުވަހާއި ވޯޓު ނަގާ ގަޑި އަދި އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި  ނިންމާ ގަޑި އާއި ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިއުލާން ކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ. އޭގެ ފަހަތަށް ދެ އަކުރެއް އިތުރު ކުރަން ބިލުގައި ހިމަނާފައިވާ އިރު، (ށ)ގެ ގޮތުގައި އެ މާއްދާގައި ހިމަނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް، ރަމަޞާން މަހުގެ ދުވަހެއްގައި އިންތިޚާބު ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަން ވާނީ ރަމަޞާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށްވެސް ބުނެފައިވެއެވެ.

މި މާއްދާގެ (ނ)ގެ ގޮތުގައި އިތުރު ކުރަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، މި މާއްދާގެ (ށ) ގައި ބުނި ހާލަތުގައި އެ އިންތިޚާބަކާއިގުޅޭ ޚާއްސަ ޤާނޫނުގެ ދަށުން ނުވަތަ މި ޤާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތު ތަކަށް އަމަލު ކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށްޓަކައި އެ މުއްދަތު ތަކަށް ބަދަލު ގެނެސް އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށެވެ.

މި ބިލަށް ވެރިކަން ހިންގާ ޕީއެންސީން ވަނީ ދެކޮޅު ހަދައިފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން މި ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 50 މެންބަުންގެ ތެރެއިން 46 މެންބަރުން ފެންނަ ކަމަށް ވޯޓު ދެއްވައިގެންނެވެ. ބިލް ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *