ރޯދަ މަހު މަޖިލިސް އިންތިޚާބު ނުބާއްވާގޮތް ހުށަހެޅި ބިލު ކޮމިޓީއަށް ފޮނުވައިފި

ރޯދަ މަހު މަޖިލިސް އިންތިޚާބު ނުބާއްވާގޮތް ހުށަހެޅި ބިލު ކޮމިޓީއަށް ފޮނުވައިފި

އަންނަ ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަ މަހުގެ ފަހުން އިންތިޚާބު ބާއްވަން ޖެހޭގޮތަށް އިންތިޚާބު ތަކާބެހޭ ޢާ އްމު ޤާނޫނަށް ހުށަހެޅި އިސްލާހު، މަޖިލީހަށް ބަލައިގަތުމަށްފަހު ދިރާސާ ކުރުމަށް ފަސް މެންބަރުންގެ ކޮމިޓީއަކަށް ފޮނުވައިފިއެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. މަޖިލީހަށް ބިލު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، މިއީ މިހާރު ޤާނޫނު އޮތް ގޮތުން މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ ރަމަޞާން މަހާ ދިމާވާތީ ކުރިމަތިވާނެ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ހުށަހެޅުއްވި ބިލެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) މިހާރު ހަމަޖައްސާފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބާއްވާށެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ.

ރޯދަ މަހު އެވަރުގެ ބޮޑު އިންތިޚާބެއް ބާއްވައިފިނަމަ، ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ، ގިނަ ބަޔަކު ވޯޓުލާން ނުނިކުމެދާނެތީ ކަންބޮޑުވުން ވަނީ ފާޅު ކޮށްފައެވެ. އެކަމާ ގުޅުގެން އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނީ ރޯދަ މަހުގެ ފަހަށް އިންތިޚާބު ފަސް ކުރެވޭނީ ޤާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ.

އެހެން ކަމުން ރޯދަމަހު އިންތިޚާބު ނުބޭއްވޭގޮތަށް އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ އެ ޤާނޫނުގެ 43 ވަނަ މާއްދާއަށެވެ.  އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އިންތިޚާބެއްގައި ވޯޓު ނަގާ ދުވަހާއި، ވޯޓު ނަގާ ގަޑި އަދި ޢާއްމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑި އާއި، ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިޢުލާނު ކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

އޭގެ ފަހަތަށް ދެ އަކުރެއް އިތުރު ކުރަން ބިލުގައި ހިމަނާފައިވާއިރު، (ށ) ގެ ގޮތުގައި އެ މާއްދާގައި ހިމަނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބުނެފައިއޮތް ނަމަވެސް، ރަމަޞާން މަހުގެ ދުވަހެއްގައި އިންތިޚާބު ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިޚބު ބާއްވަންޖެހޭ ތާރީޚު ރަމަޞާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަން ވާނީ ރަމަޞާން މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށްވެށެވެ.

މި މާއްދާގެ (ނ)ގެ ގޮތުގައި އިތުރު ކުރަން ހުށަހަޅާފައިވާ މާއްދާގައި ބުނަނީ، މި މާއްދާގެ (ށ) ގައި ބުނި ހާލަތުގައި އެ އިންތިޚާބަކާއި ގުޅޭ ހާއްސަ ޤާނޫނުގެ ދަށުން ނުވަތަ މި ޤާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާގައިވާ މުއްދަތު ތަކަށް ޢަމަލު ކުރެވެންނެތް ހާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށްޓަކައި، އެ މުއްދަތު ތަކަށް ބަދަލު ގެނެސް އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށެވެ.

އިބުތިދާއީ ބަހުސަށް ފަހު މި ބިލު މަޖިލީހަށް ބަލައިގަންނަން ފެންނަކަމަށް ފާސް ކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 39 މެންބަރުން ފެންނަ ކަމަށް ވޯޓު ދެއްވައިގެންނެވެ. ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް ފަސް މެންބަރުންގެ ކޮމިޓީއަކަށް ފޮނުވަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *