މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މިމަހުގެ 21 ވާ ހުކުރު ދުވަސް ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނަކީ ފަލަކީ ހިސާބަށް މޮޅު ދީނީ އިލްމުވެރިންގެ ތެރެއިން އިލްމުވެރިއެކެވެ. އެމަނިކުފާނު ވަނީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްވެސް އިސްލާމިކް މިނިސްޓްރީން އިއުލާން ކުރުމުގެ މާކުރިން ފަލަކީ ހިސާބަށް ބައްލަވައި ހާމަ ކުރައްވާފައެވެ. ހަމައެގޮތަށް މިއަހަރުގެ ފިތުރު އީދު ދުވަސްވެސް ފަލީ ހިސާބުން ދައްކާގޮތުން ވަނީ ހުކުރު ދުވަހަށް ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ފަލަކީ ހިސާބުން ދައްކާގޮތުން އީދު ވަނީ ހުކުރު ދުވަހަށް.
– ރައީސް މައުމޫން ވިދާޅުވިއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވަނީ ހަމަޖައްސާފައެވެ. މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މާފަންނު ސްޓޭޑިއަމްގައެވެ. އަދި އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދުގަޔާއި، ސަލްމާން މިސްކިތުގައި އީދު ނަމާދު ކުރާނެއެވެ. ހުޅުމާލޭގައި ފޭސް 1- ސިންތެޓިކް ޓްރެކުގައާއި، ފޭސް-2 ގެ ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަޙައްދު) ގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެއެވެ.
ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނީ ވިލިމާލޭ ބޯޅަ ދަނޑުގައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ ފިޠުރު ޢީދު ބޮޑުޖަމާއަތުގައި ކުރުމުގެ އިންތިޒާމް އަތޮޅުތެރޭގެ ގިނަ ރަށްރަށުގައިވެސް ހަމަޖައްސާފައިވާކަމަށެވެ.
ޢީދު ނަމާދު ވަގުތު މޫސުން ގޯސްވެއްޖެނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އެހެން އަހަރުތަކޭ އެއްގޮތައް މި އަހަރުވެސް ބޮޑު ޖަމާޢަތުގައި ނަމާދުކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ސަރަޙައްދުތަކުގައި ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.