"އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ފަށައިފިއެވެ. މި މަޝްރޫއު ފައްޓަވައިދެއްވީ، މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.
އިޙުތިރާމް އަދާކުރުމުގެ ކެމްޕެއިނަކީ، ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިޙުތިރާމް ކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށް ޤައުމީ ފެންވަރުގައި ފެށި ބޮޑު ކެމްޕެއިނެކެވެ. މި މަޝްރޫޢު ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިމަޝްރޫޢު އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މޮނިއުމެންޓް މަތީގައި ލައިޓް ބޯޅައެއް ބަހައްޓަވާފައެވެ.
މި ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އެކިއެކި ވުޒާރާތަކާއި، ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކޮލެޖު ޔުނިވަރސިޓީތަކާއި އަދި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިފުތިތާޙުކޮށްދެއްވި އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ މަޤުޞަދަކީ، މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި އެކަކު އަނެކަކަށް ގަދަރާއި އިޙުތިރާމް ކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި އަލުން އަށަގެންނެވުމެވެ. ޚާއްޞަކޮށް ޒުވާނުންނާއި، ކުޑަކުދިންގެ މެދުގައި މި އާދަ ހަރުދަނާ ކުރުމެވެ.
ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަ، އިޙުތިރާމްކުރުން އަށަގެންނެވުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ދިވެހިންގެ އަމިއްލަވަންތަކަން ހިފެހެއްޓުމަށް ދެއްވާ އިސްކަމުގެ ތެރެއިންނެވެ.
އަދުގެ ސަރުކާރު އައުމާ ހަމައަށް ދިވެހިންގެ އަމިއްލަވަންތަކަން ނެތެމުންދާ ފަށާފައިވާ ކަަމަށާއި، ނަމަވެސް ސަރުކާރުން އެކަމަށް އިސްކަންދެއްވާ ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދީގެން މަސައްކަތްތަކެއް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެެވެ. އަދި ރާއްޖޭގެ ތާރީޚު ދިރާސާކޮށް ސަޤާފީ ކަންކަން އާލާކުރުމަށްވެސް މުހިއްމު މަސައްކަތްތަކެއް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
މި މަޝްރޫޢުގައި އިސްކޮށް ހަރަކާތްތެރިވާނީ، ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑީއާ، ޕީއެސްއެމްއެވެ. އިޙުތިރާމް އަދާކުރުމަކީ، ދިވެހިންގެ ތެރޭގައި މީގެކުރިން އޮތް އެހެންނަމަވެސް މިހާރު ނެތެމުންދާ އާދައެކެވެ. މި މަޝްރޫއުގެ ސަބަބުން ސަރުކާރުގެ އަމާޒަކީ، އިހުތިރާމް އަދާކުރުމުގެ ރިވެތި އާދަ ދިވެހިންގެ މެދުގައި އާލާކުރުމެވެ.






