"ނުފޫޒު ނެތްނަމަ ޔާމީން މިނިވަންވާނެކަމަށް" ޕީޖީ ވިދާޅެއް ނުވޭ

"ނުފޫޒު ނެތްނަމަ ޔާމީން މިނިވަންވާނެކަމަށް" ޕީޖީ ވިދާޅެއް ނުވޭ

"ނުފޫޒު ނެތްނަމަ ޔާމީން މިނިވަންވާނެކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަދެއްކެވި" ކަމަށް ވިދާޅުވެ، އިދިކޮޅޫ ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ހަވާލާދީ އިދިކޮޅި ޕީޕީއެމްއަށް ތާއީދުކުރާ ނޫހެއް ކަމުގައިވާ "ދިޔަރެސް ނޫހުގައި" ގެނެސްދީފައިވާ ވާހަކަ ޕީޖީ އޮފީހުން ދޮގު ކޮށްފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން އެދިގެން، ޕީޖީ ހުސެއިން ޝަމީމް، ރައީސް ޔާމީންގެ ޝަރީޢަތުގެ ކަންކަން ހިނގަމުންދާގޮތާބެހޭގޮތުން މަޝްވަރާ ކުރުމަށް، ޕީޕީއެމް/ޕީއެންސީއާއި ބައްދަލު ކޮށްފައިވާ ކަމުގައެވެ.

މި ބައްދަލުވުމުގައި، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލަ އަވަހަށް ނިމުމަކީ ޕީޖީ އޮފީހުންވެސް އެދޭ ގޮތްކަމަށް ޕީޖީ ވިދާޅުވިކަމަށް މި ބަޔާނުގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް، މިމައްސަލަ މިހާރުވެސް ލަސްވެފައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ނުކުތާތައް ލިޔުއްވައި، ހުށަހެޅުއްވުންވެސް ލަސްވެފައި އޮތުމުން ކަމަށާއި، ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ގެންގޮސް، މައްސަލައިގައި އަވަހަށް ޙުކުމެއް ކުރުމަށް، ޕީޖީ އޮފީހުން އެއްބާރުލުން ދޭންޖެހޭ ހަމަ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެކަމަށް ދެންނެވިކަމަށްވެސް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވެފައިވަނީ،ސަރުކާރުގެ ނުފޫޒާބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކީ، ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އަމިއްލަފުޅަށް ފައުޅުކުރެއްވި ޝުޢޫރެއް ކަމަށާއި، އެކަމަކީ އެއޮފީހުގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމަކަށް ނުވާތީ، އެ ޝަކުވާއާ ގުޅިގެން އެއޮފީހުން ކޮށްދެވޭނެ ކަމެއް ނެތްކަމުގައެވެ.

އިތުރަށް ޕީޖީ އޮފީހުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ޝަރީޢަތުން އޮތީ ޙުކުމެއް ކޮށްފައި ކަމަށާއި، އެހެންކަމުން އެ ޙުކުމް، މަތީ މަރްޙަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، އެ ޙުކުމަކީ ޞައްޙަ، ޤާނޫނީ ބާރު ލިބިގެންވާ، ޙުކުމެއް ކަމުގައެވެ. އަދި މިޙާލަތުގައި ރައީސް ޔާމީނަކީ ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީއަކަށް ވުމާއެކު، ޤައިދީންގެ ޝަކުވާތައް ބަލާ އިދާރާއަކީ ކަރެކްޝަންސް ސަރވިސްކަމަށްވާތީ، ރައީސް ޔާމީންގެ ބަންދުގެ ޙާލަތާ ގުޅޭގޮތުން ހުރި ޝަކުވާތައް، ކަމާބެހޭ އިދާރާތަކަށް ހުށަހެޅުއްވުމަށް ބައްދަލުވުމުގައި ވާހަކަ ދެކެވުނުކަމަށްވެސް ޕީޖީ އޮފީހުން ހާމަ ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *