ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށް އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އެހެން ޕާޓީތަކާއެކު ކުރައްވަމުން ގެންދަވާ މަޝްވަރާތަކަށްފަހު، އިދިކޮޅު ޕީޕީއެމްއާއެކީވެސް ކޯލިޝަން ހައްދަވަފާނެ ކަމުގައި މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ގާސިމް އިބުރާހިމްއާއި ބައްދަލު ކުރެއްވުމަށް މައުމޫން ފައުންޑޭޝަންގެ އޮފީސް ހުންނަ ހ. ފުލިދޫގޭގައި މިއަދު ވަޑައިގެން ބައެއް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އިދިކޮޅި ޕީޕީއެމްއާއެކީވެސް ކޯލިޝަން ހެދުމަކީވެސް ވެދާނެ ކަމެއް ކަމަށާއި ހުރިހާ ކަމަކަށްވެސް ފުރުސަތު އެބައޮތް ކަމަށެވެ. އަދި މައުމޫން ވިދާޅުވީ ކޮންމެކަމަކަށްވެސް ގޮތް ނިންމާނީ އެކަމެއްގެ ވަގުތުގައި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.
އެހެންނަމަވެސް ރައީސް މައުމޫން ވިދާޅުވީ ކުރިޔަށްދާ މަޝްވރާތަކަށްފަހު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމުގައެވެ.
އަޅުގަނޑުމެން މަޝްވަރާ މި ކުރަނީ ކުރިއަށް އޮތްގާތައި ކަންތައް ކުރިއަށް ގެންދާނެ ގޮތާއި މެދުގައި. މަޝްވަރާކޮށްފައި އެމްއާރްއެމްގެ ގިނަ ބޭފުޅުނަނަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ކައުންސިލުން ގޮތެއް ނިންމާނީ.
މިއަދުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމްއާއެކީ ބޭއްވީވެސް އާދައިގެ ބައްދަލުވުމެއް ކަމަށާއި ގާސިމްއާއި ދެބޭފުޅުންނަނީ ވަރަށް ކުރިއްސުރެ ގާތް ދެބޭފުޅުން ކަމުގައެވެ.
ގިނަ ދުވަސްތަކެއްވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން ރައީސް މައުމޫން މިހާރުވަނީ ސިޔާސީ ޕާޓީތަކާއެކު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަން ފައްޓަވާފައެވެ. މިގޮތުން އިއްޔެ މައުމޫންވަނީ ރައީސް ސާލިހުއާއިވެސް ބައްދަލު ކުރައްވާފައެވެ.
ރައީސް މައުމޫން އެންމެފަހުން އުފެއްދެވި އެމްއާރުއެމްއަކީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެވެސް ބައިވެރިއެކެވެ.