ރިޔާސީ އިންތިޚާބާއި ގާތްވެފައިވާ އޮއްވާ އިލެކްޝަނާއި ބެހޭ ޤާނޫނުތަކަށް އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ޓްރާސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ. އެ ކޮމިޝަނުން ވިދާޅުވީ އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ 30 ސެޕްޓެމްބަރުގައިކަމަށެވެ.
އިލެކްޝަނުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޓްރާސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ވަނީ އިންތިޚާބު މިހާ ގާތްވެފައިވާ އޮއްވައި، އިލެކްޝަނާއި ގުޅުންހުރި ޤާނޫނުތަކަށް އެއްވެސް ބަދަލެއް ނެގައުމަކީ އޭގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނިކުމެދާނެ ކަމެއްކަަމަށެވެ. މީގެ އިތުރުން ނޫސްވެރިންނަށް ދަތިވާގޮތަށް، އަދި އިންތިޚާބު ކަވަރު ކުރުމުގައި ނޫސްވެރިންނަށް އިތުރަށް ގޮންޖެހުން ކުރިމަތިވާ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަކީވެސް ކަންބޮޑުވުމެއްކަމަށް ވަނީ ބުނެފައެވެ.
ސަރުކާރުން ވަނީ އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށާއި، ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައެވެ. ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބޭފުޅުންނަށް އިންތިޚާބުގައި ވާދަކުރުމަށް ކުރިން ދީފައި އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށެވެ.
އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ތެރޭގައި ވާދަކުރާ ކެނޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅާ މުއްދަތަށް ވަނީ ލުއިތަކެއް ދީފައެވެ. ޤާނޫނުގައި މިހާރު ބުނާގޮތުން ކެނޑިޑޭޓެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހެނީ އިންތިޚާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައެވެ. ނަމަވެސް މިމުއްދަތު އެއްމަސް ދުވަހަށް އިތުރު ކުރުމަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.
މީގެ އިތުރުން ރަސްމީ އިންތިޚާބީ އެޖެންޓު މަރުވުން، އިސްތިއުފާ ދިނުން ނުވަތަ ވަކިކުރުމުން އެކަން އިލެކްޝަނަށް އަންގަންޖެހޭ މުއްދަތަށްވެސް ވަނީ ބަދަލުގެނައުމަށް ނިންމާފައެވެ. ޤާނޫނަށް ހުށަހަޅާފައި އިސްލާހުގައި ވަނީ މިފަދަ ހާލަތެއްގައި ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެކަން އިލެކްޝަނަށް އެންގުމަށް އިސްލާހު ހުށަހަޅާފައެވެ.
ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ވޯޓުލާ މަރުކަޒަކަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު އެއް ޕަސެންޓަށްވުރެ އިތުރުނުވާ އަދަދެއްގެ ވޯޓުކަރުދާސް ފޮނުވަން ވާނެކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ އޮތްއޮތުން ބަދަލުކުރަންވެސް އިސްލާހު ހުށަހަޅާފައިވެއެވެ. އެގޮތުން މަރުކަޒަކަށް ވޯޓު ލުމަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ އަދަދު 100 މީހުންނަށްވުރެ މަދުނަމަ ގިނަވެގެން އިތުރު އެއްވޯޓު ކަރުދާސް ފޮނުވުމަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.
އިލެކްޝަނުން ވަނީ އިލެކްޝަނުން ބާއްވާ އިންތިޚާބުތަކުގައި ވޯޓު ގުނާ ސަރަހައްދާއި ވޯޓުލާ މަރުކަޒުތަކުގައި މޮނިޓާކުރުމަށް ހަރަކާތްތެރިވެވޭނީ އިލެކްޝަނުން ހުއްދަދޭ އަދި ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް ހެދުމަށްވެސް އިސްލާހު ހުށަހަޅާފައެވެ.