ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވާ އުފައްދަވާފައިވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ މެމްބަރުންގެ އަދަދު 3،000 އަށްވުރެ ދަށަށް ގޮސްފައި ވަނިކޮށް އަނެއްކާވެސް، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިގެން 3،000 މެމްބަރުން ހަމަކޮށްފައިވާކަން އެ ޕާޓީން ހާމަ ކޮށްފިއެވެ.
އެހެންނަމަވެސް 3،000 މެމްބަރުން ހަމަކުރުމަށް އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ކިހާ އަދެއްގެ ފޯމުކަމެއް، އަދި އޭގެ ތެރެއިން ސައްހައީ ކިހާ އަދަދެއްކަމެއްވެސް އެ ޕާޓީން ހާމަ ކޮށްފައެއް ނުވެއެވެ.
މީގެ ކުރިންވެސް އެމްއާރުއެމްގެ މެމްބަރުންގެ އަދަދު 3،000 މެމްބަރުންނަށް ދަށަށް ގޮސް، އެޕާޓީއަށް ނޯޓިސް ދިނުމާއި ގުޅިގެން ޕާޓީއަށް 3،000 މެމްބަރުން ހަމަ ކޮށްފައިވަނިކޮށް، އަނެއްކާވެސް ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދު ގާނޫނީ އަދަށްވުރެ ދަށަށް ގޮސްފައިވާކަން ހާމަވީ ފާއިތުވެދިޔަ ހަފްތާގެ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ތަފާސް ހިސާބުތަކުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 23ވަނަ ދުވަހު އާންމު ކޮށްފައިވާ މައުލޫމާތުތަކުން އެގުނު ގޮތުގައި މިއަހަރުގެ ބަޖެޓް، ފާއިތުވެދިޔަ އަހަރުގެ ނޮބެމްބަރުމަހުގެ 28 ވަނަ ދުވަހު ފާސްކުރުމާއި ހަމައަށް އެމްއާރުއެމްގެ މެމްބަރުންގެ ގޮތުގައި ތިބީ 3،023 މީހުންނެވެ. އެހެންނަމަވެސް 31 ޑިސެމްބަރާއި ހަމައަށް ދިޔައިރު އެޕާޓީގެ މެމްބަރުންގެ އަދަދު އަނެއްކާވެސް، ސިޔާސީ ޕާޓީއެއް ހިންގުމަށް ބޭނުންވާ ގާނޫނީ އަދަދަށްވުރެ ދަށްވެ، 2،993 އަށް ވެއްޓިފައި ވެއެވެ.
2023 ފެބުރުވަރީ 21 ވީ އަންގާރަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ އަދަދު @SecretariatMDA @MDPSecretariat @drpmaldives @AdhaalathOffice @Jumhooree_MV @ProgressPartyMV @MRM_Office @MNP_Secretariat @MTDSecretariat pic.twitter.com/JRYJ8KHlOX
— Elections Commission (@ElectionsMv) February 23, 2023
އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން، މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް އެމްއާރުއެމްގެ މެމްބަރުންގެ އަދަދު ދަށަށް ގޮސް، އެހާތަނާއި ހަމައަށް އެޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބީ 2،981 މީހުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރަށް ބަލާއިރު، 3،000 އަށްވުރެ މަދުން އެހާތަނާއި ހަމައަށް މެމްބަރން ތިބި ޕާޓީތަކަކީ އެމްއާރުއެމްގެ އިތުރުން، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެސްއެލްޕީ)އާއި ދިވެހިރައްޔިތުންގެ ޕާޓީ (ޑިއާރުޕީ) އެވެ. މީގެތެރެއިން ޑިއާރުޕީއަކީ އިލެކްޝަންސް ކޮމިޝަނުން މިހާރު އުވާލުމަށް ނިންމާ، އުވާލުމުގެ މަރުހަލާ ފަށާފައިވެސް ވާޕާޓީއެކެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ޤާނޫނުގައި ބުނާގޮތުން 3000 މެމްބަރުން ތިބި ކަމުގައިވާނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.އ