ޗައިނާގެ ތިން އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ޗައިނާގެ ތިން އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ޗައިނާގެ ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.

ޗައިނާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ބެއިޖިން ކެޕިޓަލް އެއާލައިނުންނެވެ. އެ އެއާލައިނުން މި މަހުގެ 18 ވަނަ ދުވަހުން އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހަތަރު ދަތުރު ކުރަން ވަނީ ނިންމާފައެވެ. އެ ދަތުރުތައް ކުރާނީ 306 މީހުންގެ ޖާގައިގެ ބޯޓުތަކުގައެވެ.

އެއަށްފަހު މިމަހުގެ 28 ވަނަ ދުވަހު ޗައިނާ އީސްޓާން އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ވަނީ ހަމަ ޖެހިފައެވެ. އަންނަ މާރިޗު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފްތާ އަކު އެއްފަހަރު އެ އެއާލައިނުގެ ފުލައިޓުތައް ރާއްޖެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ޗައިނާގެ ބައެއްގެ ގޮތުގައި ބަލާ ހޮންގްކޮންގް އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ހަމަޖެހިފައިވަނީ ހަފްތާއަކު ތިން ފަހަރުއެވެ. މި ދަތުރުތައް މިމަހުން ފެށިގެން މާޗް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ. މި އެއާލައިނުން ބޭނުންކުރަނީ 292 ފަސެންޖަރުންގެ ބޯޓެވެ.

ކޮވިޑް-19އާ ގުޅިގެން ޗައިނާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު މި މަހުގެ އަށްވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލުމަށް ޗައިނާ ސަރުކާރުން ވަނީ ނިންމާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި ޗައިނާ އަކީ މުހިއްމު ގައުމެއްކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ.

ކޮވިޑުގެ ބަލިމަޑުމަކަމާ ކުރިމަތިލި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 1.7 މިލިއަންއެވެ. އޭގެފަހުން 2020 ވަނަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ހަމަައަށް ރާއްޖެއަށް ޒިޔާރަތް ކުރީ އެންމެ ފަސް ލައްކަ ފަތުރުވެރިންނެވެ.

ނަމަވެސް، ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލުމާ އެކު ޖެހިގެން އައި 2021 ވަނަ އަހަރު ފަތުރުވެރިކަން އަނެއްކާވެސް ހަމައަކަށް އެޅުމުގެ ކޮޅުމަތި ފެނުނެވެ. އެ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައެވެ. އަދި، މި ނިމުނު އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި އަދަދަށް، 1.6 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ގައުމުން އެ އަހަރު 284،029 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *